ޖުމްހޫރީ ޕާޓީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
ޖޭޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު، ޖޭޕީގެ ކެންޑިޑޭޓަކު ކަނޑައަޅާނީ ޕާޓީގެ ހުރިހާ މެންބަރުންނަށް އާންމުކޮށް ހުޅުވާލައިގެން އެކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ މެދުގައި ބާއްވާ ޕްރައިމަރީ އަކުން ކަމަށެވެ.
ޕްރައިމަރީގައި ވާދަކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދި ފޮނުވާ ސިޓީ މާޗު މަހުގެ 30 ވާ ބްރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ޖޭޕީގެ މައި އޮފީސް މ. ކުނޫޒަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ޤަވާޢިދުގެ 49 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، މި ޕާޓީގެ ފަރާތުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލުން. pic.twitter.com/zfQpINN2A2
— JP Secretariat (@JPSecretariat) March 16, 2023
ޖޭޕީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖޭޕީގެ މެންބަރުންގެ ތެރެއިން، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި ހުންނަންވާނޭ ކަމަށް ޤާނޫނުއަސާސީގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވާ މެންބަރުންނަށެވެ.
ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވަނީ ކޯލިޝަން އެކުލަވާލަން ރައީސް ސޯލިހް ކޯލިޝަން ޕާޓްނަރުންނަށް ދައުވަތު ފޮނުއްވާފައިވަނިކޮށެވެ. އަންނަ އިންތިހާބަށް ރައީސް ސޯލިހާއެކު އަދި ކޯލިޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއެވެ.