Last Updated: June 29, 06:08
Monday, June 29, 2026
ޚަބަރު

"ގެދޮރާ ބެހޭ ދިރާސާއެއް ކުރިކަން އެނގޭކަށް ނެތް"

ހިތަދޫ ހައުސިން ޔުނިޓް އަޅާ ސަރަހައްދުގައި ފެންސް ޖަހާފައި.

އައްޑޫ އާއި ފުވައްމުލައް އަދި ހުވަދޫގައި އަޅަން ނިންމާފައިވާ 1500 ހައުސިން ޔުނިޓްގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލެއަށް ބަދަލު ކުރީ، މި ސަރަހައްދުގައި ގެދޮރަށް ބޭނުންވާ މިންވަރު ބަލާ ދިރާސާއއް ކުރުމަށް ފަހު ކަމަށް ސަރުކާރުން ވިދާޅުވުމާއި ގުޅިގެން އަވާހަކަ އައްޑޫ ސިޓީ ކައުންސިލުން ދޮގުކޮށްފި އެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލިސްގައި ދެކުނުގައި އަޅަން ނިންމާފައިވާ 704 ހައުސިން ފްލެޓް ހުޅުމާލެއަށް ބަދަލު ކުރުމަށް ވޯޓަށް އަހަން ހަމަޖެހިފައިވަނިކޮށް، ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުން އައްޑޫގެ ރައްޔިތުންގެ ތެރެއިން ބޯހިޔާވަހިކަމަށް އެދިފައިވާ ފަރާތްތަކާއި ގުޅޭ އެއްވެސް ދިރާސާއެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އަދި އެފަދަ ދިރާސާއެއް ކުރިކަން އެނގޭ އެއްވެސް އައްޑޫ ރައްޔިތަކު ނެތް ކަމަށެވެ.

އައްޑޫގައި އެކަނިވެސް ބޯހިޔާވަހިކަމަށް ބޭނުންވާ އެތައް އާއިލާއެއް ހިތްދަތިކަމާއި އެކު ދިރިއުޅެމުން އަންނަ އިރު، މިފަދަ ކަމަކާއި ގުޅޭގޮތުން ފާއިތުވި ތަނުގައި ސަރުކާރުން ކައުންސިލާއި އެކު މަޝްވަރާ ކުރެވިފައި ނުވާކަމަށް ވެސް ކައުންސިލްގެ ނޫސް ބަޔާނުގައިވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފޭދޫގައި ސަރުކާރުން އިމާރާތް ކުރި 25 ހައުސިން ޔުނިޓަށް އެދި 350 އަށް ވުރެ ގިނަ ފަރާތުން ހުށަހެޅި އިރު، އައްޑޫން ގޯއްޗަށް އެދޭ ދަފްތަރުގައި މިހާރުވެސް 3000 އާއި 3500 އާއި ދެމެދުގެ އަދަދަކަށް މީހުން ނަން ނޯޓްކޮށްފައިވާ ކަމަށެވެ.

އެހެން ކަމުން ފްލެޓް ބަދަލު ކުރުމާއި ގުޅޭ ގޮތުން، ވޯޓު ލުމުގެ ކުރިން ރައްޔިތުންނާއި ބައްދަލުކޮށް، ރައްޔިތުންގެ މަޝްވަރާ ހޯދުމަށް މަޖިލިސްގައި ތިއްބަވާ ރައްޔިތުންގެ މަންދޫބުންނަށް ކައުންސިލުން ވަނީ ގޮވާލާފައެވެ.

ދެކުނުގައި އަޅަން ހަމަޖެހިފައިވާ ހައުސިން ޔުނިޓްގެ ތެރެއިން 704 ހައުސިން ޔުނިޓް ހުޅުމާލެއަށް ބަދަލުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖްލިސްއަށް ހުށަހެޅުމުން މަޖްލިސްގެ މާލިއްޔަތު ކޮމެޓީގައި ހިމެނިވަޑައިގަންނަވާ ފޭދޫ ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ (އައިބީ) ވަނީ ފްލެޓް ހުޅުމާލެއަށް ބަދަލު ކުރުމަށް ފެންނަކަމަށް ވޯޓު ދެއްވާފައެވެ.

ނަމަވެސް ކޮމެޓީގައި ހިމެނިވަޑައިގަންނަވާ މަރަދޫ ދާއިރާގެ މެމްބަރު، އިބްރާހިމް ޝަރީފް ވަނީ ފްލެޓް ހުޅުމާލެއަށް ބަދަލުކުރުމަށް ދެކޮޅު ހަދާފައެވެ. ޝަރީފް ވިދާޅުވީ ފްލެޓްތައް ހުޅުމާލެއަށް ބަދަލު ކުރުމަކީ ސަރުކާރުން ދެކުނުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ސިފަ ކުރައްވާފައެވެ.