Last Updated: May 1, 20:45
Wednesday, May 1, 2024
ކުޅިވަރު

އާސެނަލަށް އެއްވަނައިގައި ބޮޑު ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެެލެސް 4-1 އިން ބަލިކޮށް ލީގުގެ އެއްވަނައިގައި އާސެނަލުން 8 ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި އާސެނަލް މިހާރު އޮތީ 28 މެޗުން ލިބުނު 69 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 27 މެޗުން ލިބުނު 61 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ތިންވަނައިގައި 50 ޕޮއިންޓާ އެކު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ.

އާސެނަލްގެ ދަނޑުގައި މިރޭ ކުޅުނު މި މެޗަށް ޕެލެސް އިން ނިކުތީ ވަގުތީ ކޯޗަކާއެކު އެވެ. ޕެލެސް އިން ވަނީ މިދިޔަ ހުކުރު ދުވަހު އެޓީމުގެ ކޯޗަކަށް ހުރި އާސެނަލަށް ކުރިން ކުޅުނު ޕެޓްރިކް ވިއޭރާ މަގާމުން ވަކިކޮށްފަ އެވެ.

މި މެޗުގައި އާސެނަލުން ޖެހި ފުރަތަމަ ގޯލު މެޗުގެ 28 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ގެބްރިއަލް މާޓިނެއްލީ އެވެ. އަދި ފުރަތަމަ ހާފް ނިމުމުގެ ކުރިން ބުކާޔޯ ސަކާ ވަނީ އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފަ އެވެ. މެޗުގެ 55 ވަނަ މިނެޓްގައި އާސެނަލްގެ ތިންވަނަ ގޯލު ގްރޭނިޓް ޝަކާ ކާމިޔާބުކޮށްދިން އިރު ޖެފްރީ ޝްލަޕް ވަނީ މެޗުގެ 63 ވަނަ މިނެޓްގައި ގޯލެއް ކާމިޔާބުކޮށްދީ ޕެލެސް އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދީފަ އެވެ.

ނަމަވެސް މެޗުގެ 74 ވަނަ މިނެޓްގައި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަކާ ވަނީ އާސެނަލްގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދީފަ އެވެ.

ލީގުގެ އެއްވަނައިގައި އާސެނަލުން 8 ޕޮއިންޓުގެ ލީޑެއް ނެގިއިރު ލީގުގައި އެޓީމަށް ބާކީ ދެން އޮތީ 10 މެޗެވެ. ލީގުގައި އާސެނަލް ދެން ބައްދަލުކުރާނީ ލީޑްސް ޔުނައިޓެޑާ އެވެ.