Last Updated: April 19, 18:52
Friday, April 19, 2024
ކުޅިވަރު

ރެއާލް ބަލިކޮށް ބާސާ އަށް 12 ޕޮއިންޓްގެ ލީޑެއް

ރެއާލް މެޑްރިޑް 2-1 އިން ބަލިކުރުމަށް ފަހު ސްޕެނިޝް ލީގުގެ އެއްވަނައިގައި ބާސެލޯނާ އިން 12 ޕޮއިންޓުގެ ލީޑެއް ނަގައިފި އެވެ.

މި މޮޅާއެކު ލީގުގެ އެއްވަނައިގައި ބާސާ އޮތީ 26 މެޗުން ލިބުނު 68 ޕޮއިންޓާ އެކު އެވެ. ދެވަނައިގައި 56 ޕޮއިންޓާ އެކު ރެއާލް އޮތްއިރު ތިންވަނައިގައި އެތްލެޓިކޯ މެޑްރިޑް އޮތީ 51 ޕޮއިންޓާ އެކު އެވެ.

ބާސާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ރެއާލުންނެވެ. މި ގޯލަކީ މެޗުގެ 9 ވަނަ މިނެޓްގައި ބާސާގެ ޑިފެންޑަރު ރޮނަލްޑް އަރައުހޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މި ގޯލަށް ފަހު ބާސާ އިން ނަތީޖާ އެއްވަރުކުރަން ވަރަށް ބޮޑަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފުރަތަމަ ހާފްގެ ފަހު ވަގުތުކޮޅުތެރޭ ސާޖީ ރޮބާޓޯ ވަނީ ބާސާ އަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ރޮބާޓޯ މި ގޯލު ކާމިޔާބު ކުރީ ރެއާލްގެ ޕެނަލްޓީއޭރިއާގެ ތެރޭގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ހާފްގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ބާސާ އިން ކުޅުނު އިރު މި މެޗުން އެޓީމު މޮޅުވި ގޯލު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ ފްރޭންކް ކެސިއޭ އެވެ. ކެސިއޭ މި ގޯލު ކާމިޔާބު ކުރީ ރެއާލްގެ ޕެނަލްޓީއޭރިއާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މުޅިން ހުހަށް ހުރެ ކުރިއަށް ފޮނުވާލައިގެންނެވެ.

ލީގުގެ އެއްވަނައިގައި ބާސާ އިން 12 ޕޮއިންޓުގެ ލީޑެއް ނެގިއިރު ލީގުގައި އެޓީމަށް ބާކީ ދެން އޮތީ 12 މެޗެވެ. ބާސާ އަށް އެންމެފަހުން ސްޕެނިޝް ލީގު ކާމިޔާބު ކުރެވުނީ 2019 ގަ އެވެ.