ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކުރުމާ ގުޅޭގޮތުން ސަރުކާރުން މަޝްވަރާކުރަން ފަށައިފި އެވެ.
މި މަޝްވަރާތައް ކުރިއަށްދާކަން ސަރުކާރުން ބުނެފައި ވަނީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާއާއެކީ މިއަދު ބޭއްވެވި ބައްދަލުވުމުގަ އެވެ.
މި ބައްދަލުވުމާ ގުޅޭ ގޮތުން އެ ޖަމިއްޔާ އން ބުނީ ހިިޔާގެ ރައްޔިތުންގެ ކަންބޮޑުވުން ހުރި 3 ކަމެއް ރައީސާ ހިއްސާކުރި ކަމަށެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ ފްލެޓްތަކުގެ ކުލި ކުޑަކޮށް ދިނުމެވެ. އަދި އެކަމާ ގުޅޭ މަޝްވަރާތަކެއް ސަރުކާރުން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް "ހިޔާ ރައްޔިތުންގެ ގުޅުން" އިން ބުންޏެވެ.

ކުލި ކުޑަކުރުމުން ސަރުކާރުން ވިސްނާފައި އޮތް ގޮތަށް އެ ޖަމިއްޔާއާ ސަރުކާރުން ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރެއިން އެއް ގޮތަކީ އެޕާޓްމަންޓްތަކުގެ ފިނިޝިން މަސައްކަތްތަކަށް ނެގި ލޯނުތައް ފުރިހަމަކުރުމަށް، 5 އަހަރުގެ މުއްދަތަކަށް ފްލެޓްތަކުގެ ކުލި ކުޑަކުރުމެވެ. ދެވަނަ ގޮތަކީ ހިޔާ ފްލެޓަށް ކުލި ނުދެއްކޭ، މާލީ ޙާލަތު ދަށް އާއިލާތައް ދެނެގަނެ އެފަދަ އާއިލާތަކަށް ކުލި ކުޑަކޮށް ދިނުމެވެ. ތިން ވަނަ ގޮތަކީ މި މަޝްރޫޢުގެ ލޯނު ސަރުކާރުން ދެއްކުމަށް މިހާރު ކަނޑައަޅާފައިވާ 25 އަހަރު، 30 އަހަރަށް އިތުރުކޮށް، ފްލެޓްތަކުގެ ކުލި އެންމެންނަށް ކުޑަކޮށް ދިނުމެވެ.

ޖަމިއްޔާއިން ބުނީ ހިޔާގެ 16 ޓަވަރުގެ ހުރިހާ އެޕާޓްމަންޓަކުން ވެސް އެއް ހަމައަކަށް ކުލި ކުޑަކުރެވޭނެ ގޮތެއްވުމަކީ ވަރަށް ބޮޑަށް ބޭނުންވާ ކަމެއް ކަމަށެވެ. މިއީ ދެ ކޮޓަރީގެ އެޕަޓްރަމަންޓްތަކެވެ. އެގޮތުން އެތަންތަނަށް މެއިންޓަނަންސް ފީ ހިމެނޭހެން ކޮންމެ މަހު ކުލީގެ ގޮތުގައި 8،500ރ. ދައްކަންޖެހެ އެވެ.
ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި ހިޔާގައި އުޅޭ 40 ޕަސެންޓަށް ވުރެ އަށް ވުރެ ގިނަ ޔުނިޓްތަކުން ގަވާއިދުން ކުއްޔެއް ނުދައްކަ އެވެ.