Last Updated: June 14, 05:16
Sunday, June 14, 2026
ޚަބަރު

އިސްލާމީ މަރުކަޒަށް އަލުން ކާޕެޓް

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން ކޮވިޑުގެ ބަލިމަޑުކަމާ ހެދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިސްކިތްތަކުގައި އަޅާފައި ހުރި ކާޕެޓްތައް ނެގުމަށް ފަހު، ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް އިސްލާމީ މަރުކަޒުގައި އަލުން ކާޕެޓް އަޅަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. ކޮވިޑާ ހެދި އިސްލާމީ މަރުކަޒުގައި އޮތް ކާޕެޓޜް ނެގުމަށް ފަހު އަޅާފައި އޮތީ ނެވިލޯން އެވެ. އޭގެ ފަހުން ކާޕެޓް އަޅާފައި ނުވަނީ އޭރުގެ ހާލަތަށް ރިއާޔަތްކޮށް ކަމާބެހޭ ފަރާތްތަކުން އެގޮތަށް އިރުޝާދު ދިނުމާ ގުޅިގެން ކަމަށް މިނިސްޓްރީން ބުންޏެވެ.

ކޮވިޑާ ހެދި އޭރު ކާޕެޓް އަޅާފައި ހުރި ރާއްޖޭގެ ހުރިހާ މިސްކިތަކުން ވެސް ކާޕެޓް ނަގާފައިވެ އެވެ. ރޯދަ އަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް މިސްކިތްތައް ޒީނަތްތެރި ކުރުމުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރެވެމުންނެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަ މަސް ފެށެނީ އަންނަ ބުރާސްފަތީގަ އެވެ.