މުޅިން އަލަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މާލޭގައި ޑޮލަރު އޭޓީއެމްތަކެއް ބަހައްޓައި ހިދުމަތް ދޭން ފެށި އެވެ.
ރާއްޖޭގައި ހިދުމަތްދޭތާ މި މަހު 12 އަހަރު ފުރުނު ބޭންކްގެ ފުރަތަމަ ޑޮލަރު އޭޓީއެމް ބެހެއްޓީ މއ. ފާމުދޭރިގޭގަ އެވެ. އެމްއައިބީން ބުނީ މީގެ ސަބަބުން ކަސްޓަމަރުންނަށް ޑޮލަރުގެ މުއާމަލާތްތަކަށް ވަރަށް ބޮޑު ލުއެއް ލިބިގެން ދާނެ އެވެ.
ޑޮލަރު ނަގައި ޖަމާކުރުމަށް ދެ މެޝިން ބަހައްޓާފައިވެ އެވެ. އެމްއައިބީން ބުނީ ކޮންމެ ކަސްޓަމަރަކަށް ވެސް ދުވާލަކު 1،000 ޑޮލަރު ނެގޭނެ ކަމަށާއި މަހަކަށް ގިނަވެގެން ނެގޭނީ 5،000 ޑޮލަރު ކަމަށެވެ. އަދި ދުވާލަކު 12،000 ޑޮލަރު ޖަމާ ވެސް ކުރޭނެ އެވެ.
އެމްއައިބީ ޑޮލަރު އޭޓީއެމްގައި މި ވަގުތު ބޭނުންކުރެވޭނީ އެ ބޭންކްގެ ޕްލެޓިނަމް ކާޑެވެ. ނަމަވެސް ޑޮލަރު ޖަމާކުރުމަށް ކާޑު ބޭނުމެއް ނުވާނެ އެވެ.
މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ ބައެއް އަތޮޅުތަކުގައި އެމްއައިބީގެ ބްރާންޗްތައް ހުރެ އެވެ.