ރާއްޖޭގައި މުދަލާއި ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފެވެ.
އާދަމް ޝަރީފް ހުށަހަޅާފައިވާ ގަރާރުގައި ބުނެފައިވަނީ، ސަރުކާރުން ޖީއެސްޓީ ބޮޑޫކުރުމާއެކު މުދަލާއި ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ގޮވާލާ ކަމަށެވެ.
ގަރާރުގައި ބުނެފައިވަނީ ޖީއެސްޓީ ބޮޑޫކުރުމުން މިދޔަ ޖެނުއަރީ މަހުން ފެށިގެން ތަކެތީގެ އަގު 7 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 7.82 އިންސައްތަ އިތުރުވެފައިވާ ކަމަށާއި، ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.3 އިންސައްތަ ބޮޑުވެފައިވާ ކަމަށެވެ.
ރައްޔިތުން ކަންބޮޑުވާ މިންވަރަށް ރާއްޖޭގެ އިންފްލޭޝަން އުފުލެމުންދާ ކަމަށާއި، ރާއްޖޭގައި އުފައްދާ ތަކެތީގެ އަގުތަކާއި ހިދުމަތުގެ އަގުތައް އުފުލެމުންދާ ކަމަށް ވެސް ގަރާރުގައި ބުނެފައިވެއެވެ.
މި ގަރާރުގައި ވަނީ ސަރުކާރުން ބޮޑުކުރި ޖީއެސްޓީ އަލުން މުރާޖާ ކުރުމަށް ގޮވާލާފައެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިދުމަތުގެ އަގު ހެޔޮކޮށް، ރައްޔިތުންގެ އަތް ނުފޯރާ ހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ހޯދަންޖެހޭކަމަށެވެ.