ބޮލީވުޑްގެ ތަރި ސަލްމާން ޚާނަށް އަނެއްކާ ވެސް މަރުގެ އިންޒާރުތަކެއް ލިބެން ފެށުމާ ގުޅިގެން މުމްބާއީގެ ފުލުހުން އޭނަގެ ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.
މީޑިއާތަކުން ބުނީ މުމްބާއީގެ ސަލްމާންގެ ގެލެކްސީ އެޕާޓްމަންޓް ސަރަހައްދުގައި އިއްޔެއިން ފެށިގެން ސެކިއުރިޓީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ސަލްމާނާއި އޭނަގެ ބައްޕަ ސަލީމް ޚާނަށް މަރުގެ އިންޒާރުތަކެއް ދިނުމާ ގުޅިގެން ސެކިއުރިޓީ ވަރުގަދަކުރި އެވެ.
މީޑިއާތަކުން ބުނީ އިއްޔެއިން ފެށިގެން ސަލްމާންގެ ސެކިއުޓީ ފުލުހުން ވަރުގަދަ އީމެއިލްތަކެއް މެދުވެރިކޮށް ލިބުނު އިންޒާރުތަކެއްގެ މައްސަލަ ބަންޑްރާ ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާ ގުޅިގެންނެވެ. އަދި އިންޒާރު ދީފައި ވަނީ މިދިޔަ އަހަރު ވެސް ސަލްމާނަށް އިންޒާރު ގޭންގްސްޓާރުން ކަމަށްވާ ލޯރެންސް ބިޝޯނީ އާއި ގޯލްޑީ ބްރާރާއި އެ މީހުންގެ އައުވާނުންތަކެއް މެދުވެރިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ ހަފުތާގެ ތެރޭގައި ބިޝޯނީ ވަނީ ސަލްމާން ދެކެ އޭނަ އޭނަ ނިސްބަތްވާ ކޮމިއުނިޓީގެ މީހުން ވަރަށް ހިތްހަމަނުޖެހިފައި ތިބި ކަމަށާއި އެހެންވެ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެ އިންޒާރު ދީފަ އެވެ. އެހެން ނޫން ކަމަށްވާ ނަމަ ހިތުން ނުފިލާވަރުގެ ލަނޑަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ބިޝޯނީ ބުނެފައިވެ އެވެ. ބިޝޯނީ ބުނެފައިވާ ގޮތުގައި އޭނަގެ ހަޔާތުގެ އެންމެ ބޮޑު މަގުސަދަކީ މިހާރު ސަލްމާން މަރާލުމެވެ.
ސަލްމާން، 57، މިހާރު އަންނަނީ ކުރިއަށް އޮތް ފިތުރު އީދުގައި ރިލީޒްކުރަން ހަމަޖެހިފައިވާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" ޕްރޮމޯޓްކުރަމުންނެވެ.