2008 ވަނަ އަހަރު މާލީ ނިޒާމަށް ކުރިމަތިވިފަދަ އުނދަގޫތަކެއް ދިމާވުން އެކަށީގެންވާކަމަށް މާލީ އެކްސްޕާޓުން ބުނާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމެރިކާގެ ބޭންކްތަކަކާ ކްރެޑިޓް ސްވީޒް ބޭންކް އަދި ޔޫރަޕްގެ ބައެއް ބޭންކްތަކަށް މާލީ ނުތަނަވަސްކަމާއި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ މާލީ ދާއިރާގެ އެކްސްޕާޓުން ދެކޭގޮތުގައި 2008 ވަނަ އަހަރު މާލީ ނިޒާމަށް ދިމާވިފަދަ އުނދަގޫތަކެއް މާލީ ނިޒާމަށް ދިމާވުން އެކަށީގެންވާ ކަމަށެވެ.
މީގެއިތުރުން ރައީސް ނަޝީދު ވިދާޅުވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ސްރީލަންކާއަށް ރިކަވަރީ ޕެކޭޖެއް ހަމަޖެހިގެންދާނެ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.