Last Updated: April 25, 12:03
Thursday, April 25, 2024
ދުނިޔެ

އެންމެ އުފާވެރި ގައުމަކީ ފިންލޭންޑް

އާންމު ދިރިއުޅުމުގެ ހާލަތާއި ގައުމުގެ ކަންކަން އިންތިޒާމުވެފައިވާ ގޮތަށް ބަލާ އިރު މި އަހަރު ވެސް އެންމެ އުފާވެރި ގައުމަކީ ފާއިތުވި ހަ އަހަރު ވެސް އެ މަގާމުގައި އޮތް ފިންލޭންޑް ކަމަށް ވޯލްޑް ހެޕިނެސް ރިޕޯޓްގައި ބުނެފި އެވެ.

މި އަހަރުގެ ރިޕޯޓް އެކުލަވާލީ 2020 ގައި ކުރިމަތިވި ކޮވިޑްގެ ފަހުން ގައުމުތަކުގެ އާންމު ހާލަތާއި އާންމުންގެ ދިރިއުޅުމަށް 2021 އާއި 2022 ގައި އައި ހެޔޮ ބަދަލުތަކަށް ވެސް ރިއާޔަތްކޮށެވެ. އެގޮތުން 150 އަށް ވުރެ ގައުމުގެ ހާލަތު ވަޒަންކޮށްފައިވެ އެވެ.

ޖެހިޖެހިގެން ހަ ވަނަ ފަހަރަށް އެންމެ އުފާވެރި ގައުމުގެ މަގާމު ފިންލޭންޑަށް ލިބުނު އިރު، ޔޫރަޕަށް ނިސްބަތްވާ ގައުމަކީ ސިޔާސީ ގޮތުން ވެސް ވަރަށް ބޮޑު ހަމަޖެހުމަކާއި އަމާންކަމެއް އޮންނަ އާންމުންފެ މެދުގައި އިޖުތިމާއި ގުޅުމާއި އެއްބައިވަންތަކަމުގެ ރޫހު ވެސް ވަރަށް ބޮޑަށް އޮންނަ ބަދަހި ގައުމެކެވެ.

ވޯލްޑް ހެޕިނެސް ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ފިންލޭންޑަކީ އާންމު ދިރިއުޅުމުގެ ހާލަތު ވަރަށް ރަނގަޅު، ފާގަތި އަދި އެހާމެ ހިތްފަސޭހަ ގައުމެކެވެ. އަދި އެއީ އާންމު ސިއްހީ ހާލަތާއި ގައުމީ އުފެއްދުންތެރިކަން ވެސް ވަރަށް ރަނގަޅު އަދި ކޮރަޕްޝަން ފަދަ މައްސަލަތައް ވެސް ވަރަށް މަދު ގައުމެކެވެ. މިއާ އެކީ ފިންލޭންޑް ފާހަގަކުރެވެނީ އެއް ބަޔަކު އަނެއް ބަޔަކަށް އެހީތެރިވުމުގައި ވެސް ނަމޫނާ ދައްކާ، ގުޅުން ވަރަށް ބަދަހި މުޖުތަމައެއްގެ ގޮތުގަ އެވެ.

މި އަހަރުގެ އެންމެ އުފާވެރި 10 ގައުމުގެ ލިސްޓްގެ ގަދަ ތިނެކަށް ބަލާ އިރު، ދެވަނައިގައި އޮތީ ފިންލޭންޑާ އަވައްޓެރި ޑެންމާކެވެ. އަދި ތިން ވަނައިގައި އޮތީ އަައިސްލޭންޑެވެ. ގަދަ 10 ގެ ހަތަރު ވަނައިގައި އޮތީ މެދު އިރުމަތީގައި ފަލަސްތީނުގެ މުސްލިމުންގެ ދިރިއުޅުން މުސީބަތަކަށް ހަދާފައިވާ އިޒްރޭލެވެ. ލިސްޓްގައި ދެން ހިމެނެނީ ނެދަލޭންޑްސް، ސްވިޑްން، ނޯވޭ، ސްވިޓްޒަލޭންޑް، ލަގްޒެމްބާގް އަދި ނިއު ޒީލޭންޑެވެ.

ކޮންމެ އަހަރެއްގެ މާޗް 20 އަކީ ވޯލްޑް ހެޕިނެސް ޑޭގެ ގޮތުގައި ކަނޑައަޅާފައި އޮންނަ ދުވަހެވެ. އދ. ގެ އާންމު މަޖިލީހުން އެގޮތަށް ކަނޑައެޅީ ޖުލައި 12، 2012 ގަ އެވެ.