ސަރުކާރު ކުންފުނިތަކުގެ އަމާޒަކީ ފައިދާ އިތުރުކުރުން ނޫން ކަމަށާއި އެ ކުންފުނި ތަކުގެ ބޭނުމަކީ ސަރުކާރުން ހާސިލުކުރަން ބޭނުންވާ ކަންކަން ހާސިލު ކުރުން ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ހުށަހަޅުއްވާފައިވާ، ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނީޓާކުރެވޭނެ ޤާނޫނެއް އެކުލާލުމަށް ގޮވާލާ ހުށަހެޅި ގަރާރަށް ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ މި ސަރުކާރުގައި އުމްރާނީ ވަރަށް ގިނަ ތަރައްގީގެ މަސައްކަތްތަކެއް ކުރެވޭއިރު އެ އުމްރާނީ ތަރައްގީ ފުރިހަމަ ކުރުމުގައި ރާއްޖޭގެ ސަރުކާރު ކުންފުނިތަކުގެ ދައުރު ބޮޑު ކަމަށެވެ.
ޝިފާއު ވިދާޅުވީ، މެންބަރު އިލްޔާސް ލަބީބް ހުށަހަޅާފައިވާ ގަރާރުގައި ސަރުކާރުގެ ކުންފުނިތަކަކީ މާލީ ބޮޑެތި މަންފާތަކެއް ވާންޖެހޭ ތަންތަނުގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށާއި އެކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ އަމާޒަކީ މާލީ މަންފާ އިތުރުކުރުން ނޫންކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޝިފާއު ވިދާޅުވީ އެ ކުންފުނިތަކުގެ ބޭނުމަކަށް ވާންޖެހޭނީ ގައުމުގެ ވަޒީފާގެ ބާޒާރު ބެލެންސްކޮށް ތަރައްގީގެ މަސައްކަތްތައް ފަދަ ކަންކަން ކުރުން ކަމަށެވެ.
ޝިފާއު ވިދާޅުވީ ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އަސާސީ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދެވޭނެކަން ކަށަވަރު ކުރުމަކީ ސަރުކާރު ކުންފުނިތަކުގެ ވަރަށް ބޮޑު ބޭނުމެއް ކަމަށެވެ. އަދި ސަރުކާރުން ހާސިލުކުރަން ބޭނުންވި ކަންކަން ޕްރައިވެޓް ކުންފުނިތައް ލައްވާ ކުރުވަން އުޅުނުނަމަ، މިހާ ކުރު މުއްދަތެއްގެ ތެރޭގައި އެކަންކަން ނުކުރެވުނީސް ކަމަށް ޝިފާއު ވިދާޅުވިއެވެ.