ދުބާއީގެ ކުންފުންޏަކުން ރާއްޖޭގައި ތަރައްގީކުރަން ހަމަޖެހިފައިވާ މަތީ ފަންތީގެ ރިސޯޓެއް ހެދުމުގެ މަސައްކަތް އައިމާ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފި އެވެ.
ދުބާއީގެ ދަމާކް ޕްރޮޕަޓީސް އިން ތަރައްގީކުރާ މެންޑޭރިއަން އޮރިއެންޓަލް ބޮލިދިއްފަރު ރިސޯޓަކީ ކ. ބޮލިދިއްފަރުގައި ތަރައްގީކުރާ ރިސޯޓެކެވެ. އަށް ހެކްޓަރުގެ ރަށުގައި 120 ކޮޓަރިއާ އެކީ ތަރައްގީކުރާ ރިސޯޓަކީ 148 މިލިއަން ޑޮލަރު (2.28 ބިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.
މި ރިސޯޓްގައި ހިމެނޭ 120 ކޮޓަރީގެ ތެރެއިން 64 ކޮޓަރީ އޯވަވިލާ އެވެ. އަދި 56 ކޮޓަރި އަކީ ބީޗްފްރޮންޓް ވިލާ އެވެ. ރިސޯޓްގައި އަށް ރެސްޓޯރަންޓްގެ އިތުރުން ޓޫރިސްޓުންނަށް ބޭނުންވާނެ އެތައް ވަސީލަތެއް ވެސް ހުންނާނެ އެވެ.
މެންޑޭރިއަން އޮރިއެންޓަލް ބޮލިދިއްފަރު ރިސޯޓްގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރީތައް ވަމުން އަންނަ އިރު، މި ރިސޯޓް ހުޅުވަން ހަމަޖެހިފައި ވަނީ 2025 ގެ ފަހުކޮޅު އެވެ.