ސަރުކާރު ކުންފުނިތައް ރެގިއުލޭޓް ކުރެވޭނެ ގާނޫނެއް އޮތުން މުހިންމު ކަމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.
އިލިޔާސް ލަބީބް މިފަދައިން ވިދާޅުވެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމާއި، އުވާލުމާއި އަދި ރެގިއުލޭޓްކޮށް މޮނިޓަރކުރެވޭނެ ޤާނޫނެއް އެކުލަވާލުމަށް ގޮވާލާ ގަރާރު ހުށަހަޅުއްވަމުންނެވެ.
ގަރާރު ހުށަހަޅުއްވަމުން އިލްޔާސް ލަބީބް ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަށް މިދިޔަ އަހަރު އެކަނިވެސް ރެވެނިއުގެ ގޮތުގައި 45 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މި ފައިދާ ރަނގަޅަށް ލިބޭ ކުންފުނިތައް ރަނގަޅަށް ބެލެހެއްޓި އެއިން ކުރާ ހަރަދަކީ ގާނޫނާ އެއްގޮތަށް ކުރާ ހަރަދެއްތޯ އަދި އެ ހަރަދު ކުރަނީ ރައްޔިތުންނަށް ފައިދާހުރިގޮތަށްތޯ ބެލޭނެ ޤާނޫނެއް އޮތުން މުހިންމު ކަމަށް ވިދާޅުވިއެވެ.
އިލިޔާސް ލަބީބް ވިދާޅުވީ ގަރާރުގެ ބޭނުމަކީ ކުންފުންޏާބެހޭ ގާނޫނެއް ހެދުން ނޫން ކަމަށާއި، އެހެންނަމަވެސް ސަރުކާރުން ކުންފުންޏެއް ހަދާނަމަ އެކަން ކުރުމަށް ވަކި ގާނޫނެއް އޮތުން ކަމަށެވެ. އަދި އެގާނޫނުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބަލާ ރެގިއުލޭޓް ކުރެވޭނެ ގޮތްތަކެއް އޮންނަންޖެހޭނެ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުން، ސަރުކާރަށް ލިބޭއެއްޗަކަށް ވުރެއް ބޮޑު އެއްޗެއް ދައުލަތުގެ ބަޖެޓުން ކުންފުނިތަކަށް ސަބްސިޑީއާއި ކެޕިޓަލް އަދި "އޮން ލެންޑް"ގެ ގޮތުގައި ދޭކަން ފާހަގަކޮށް އިލިޔާސް ލަބީބް ވިދާޅުވީ އެކަން ވޯލްޑް ބޭންކްގެ ރިޕޯޓްތަކުގައިވެސް ފާހަގަކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އެކަންކަން ހައްލު ކުރަންޖެހޭ ކަމަށެވެ.
ސަރުކާރު ކުންފުނިތަކުގެ ތެރެއިން ރަނގަޅު ޕްރޮކިއުމަންޓް ޕޮލިސީތައް ހެދިފައިވަނީ ވަރަށް މަދު ކުންފުނިތަކެއްގައި ކަމަށް އިލްޔާސް ލަބީބް ވިދާޅުވިއެވެ. އަދި ރަނގަޅު ޕްރޮކިއުމަންޓް ޕޮލިސީތައް ނެތުމުން ޕްރޮކިއުމަންޓްގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ވަރަށް ގިނަ ކަންކަން ކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން އިލްޔާސް ލަބީބް ވިދާޅުވީ ސަރުކާރުގެ ވަރަށް ގިނަ ޕްރޮޖެކްޓްތައް ބިޑް ކުރުމަކާ ނުލާ ސަރުކާރުގެ ކުންފުނިތަކަށް ދެވޭ ކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޕްރައިވެޓް ސެކްޓާ ހަލާކުވެގެން ދާކަމަށެވެ. މިފަދަ ބިޑްތަކުގައި ބައިވެރިވެގެން ކުންފުނިތައް ކުރިއެރުވުމުގެ ފުރުސަތު ޕްރައިވެޓް ކުންފުނިތަކަށް ނުލިބޭކަން ފާހަގަކޮށް ވިދާޅުވީ އެކަމުގެ ސަބަބުން ޕްރައިވެޓް ކުންފުނިތައް ބަނގުރޫޓެވެ އެ މީހުން އެ ކުންފުނިތައް ދޫކޮށްލާ ހިސާބަށް ގޮސްފައިވާ ކަމަށެވެ.
މި ގަރާރު ހުށަހަޅުއްވަމުން އިލިޔާސް ލަބީބް ވިދާޅުވީ ބައެއް ކުންފުނިތަކުން އެ ކުންފުނިތަކުގެ މަސައްކަތުގެ ދާއިރާއިން ބޭރުގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި އެގޮތުން ފްލެޓްއެޅުމާއި ރިއަލްސްޓޭޓް ވިޔަފާރި ކުރުން އަދި އައިސްޕްލާންޓް ހެދުންފަދަ ކަންކަން ކުރާ ކަމަށެވެ.