Last Updated: July 26, 18:11
Sunday, July 26, 2026
މުނިފޫހިފިލުވުން

ޝަރަންގެ ފިލްމެއް ސާރާ އަށް

ޖާންވީ ކަޕޫރްގެ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" ގެ ޑައިރެކްޓަރު ޝަރުމަން ޝަރުމާގެ ފިލްމަކަށް ސާރާ އަލީ ޚާން ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕިންކްވިލާ އިން ބުނީ ވަރަށް ތަފާތު ކޮންސެޕްޓަކަށް ހަދަން ނިންމާފައިވާ ފިލްމުގެ ސްކްރީންޕްލޭ ވެސް އެއްކޮށް ނިންމާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެ ފިލްމު އިއުލާން ކުރާނެ ކަމަށް ބުންޏެވެ. ނަމަވެސް ދެހާސް ވިހީގައި ގެނެސްދިން "ގުންޖަން ސަކްސޭނާ" ގޮތަށް ޝަރަންގެ އާ ފިލްމު ވެސް ޕްރޮޑިއުސްކުރާނީ ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަނުން ކަމެއް އަދި ސާފެއް ނުވެ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1999 ގައި ކުރި ކަރްގިލް ހަނގުރާމައިގެ ތެރޭގައި އިންޑިއާގެ ވައިގެ އަސްކަރިއްޔާގައި ޕައިލެޓެއްގެ ގޮތުގައި މުހިއްމު ދައުރެއް އަދާކުރި ގުންޖަން އަށް ބިނާ، ޖާންވީއާ އެކީ ގެނެސްދިން ބައޮގްރަފިކަލް ޑްރާމާ "ގުންޖަން ސަކްސޭނާ: ދަ ކަރްގިލް ގާލް" އަކީ ޝަރަންގެ ފުރަތަމަ ޑައިރެކްޝަނެވެ. އޭނަ މިހާރު އަންނަނީ ޖާންވީ އާއި ރާޖްކުމާރު ރާއޯއާ އެކީ "މިސްޓަ އެންޑް މިސިޒް މާހީ" ކިޔާ ފިލްމެއް ހަދަމުންނެވެ. އެ ފިލްމު މި އަހަރު ރިލީޒްކުރާނެ އެވެ.

"މިސްޓަ އެންޑް މިސިޒް މާހީ" އަށް ފަހު ސާރާއާ އެކީ ހަދަން ނިންމާފައިވާ ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައިވާ އިރު، އެކްޓަރު ސައިފް އަލީ ޚާންގެ ދަރިފުޅު ދެން އެންމެ އަވަހަށް ފެންނާނީ މި މަހުގެ 30 ގައި ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރާ މިސްޓްރީ ތުރިލާ "ގޭސްލައިޓް" އިންނެވެ.