ކުރިއަށްއޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ރިޔާސީ ކެންޑިޑޭޓެއް ފެނުމުގެ ފުރުސަތު ގާތް ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން ވިދާޅުވެއްޖެއެވެ.
ފާރިސް މިފަދައިން ވިދާޅުވެފައިވަނީ ސިޔާސީ އެކި ޕާޓީތަކާ އެކު އެމްއާރްއެމްއިން މިދުވަސްކޮޅު ކުރިއަށްގެންދާ މަޝްވަރާތަކާ ގުޅޭގޮތުން އަދި ރިޔާސީ އިންތިހާބާ ގުޅޭގޮތުން "އައްޑޫލައިވް"އާ ވާހަކަ ދައްކަވަމުންނެވެ.
ފާރިސް މައުމޫން ވިދާޅުވީ އެމްއާރްއެމްގެ ސްޓޭންޑަކީ ޤައުމަށް އެންމެ ރަނގަޅު އަދި ޤައުމުގެ މަސްލަހަތު އެންމެ ހުރިގޮތަކަށް ގައުމަށް ބޭނުންވާ އިސްލާހުތައް ގެނެވޭނޭ މަގަކުން މަސައްކަތް ކުރުން ކަމަށެވެ. އެހެންކަމުން އެގޮތުގެމަތިން ހުރިހާ ސިޔާސީ ފަރާތްތަކާ އެކުވެސް މަޝްވަރާ ކުރަމުން ގެންދަވާކަން ފާރިސް ފާހަގަކުރެއްވިއެވެ.
"އެގޮތުގެމަތިން އަޅުގަނޑުމެން ހުރިހާ ސިޔާސީ ފަރާތްތަކާއެކުވެސް އެބަ މަޝްވަރާ ކުރަން، މަޝްވަރާކުރަން ބޭނުންވޭ. އެހެން ސިޔާސީ ޕާޓީތަކުގެ ވިސްނުމާ، އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތްވާ ކަންކަމަކީ ކޮބައިތޯބަލާ، ތަފްސީލީ ގޮތެއްގައި މަޝްވަރާ ކޮށްފައި ނޫނީ ގޮތެއް ނުނިންމާނަން." ފާރިސް ވިދާޅުވިއެވެ.
އެމްޑީޕީއާ އެކު އިއްޔެ ބޭއްވި ބައްދަލުވުމުގައި އެބޭފުޅުންނާއެކު ތަފްސީލީ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމުނު ކަމަށާއި، ހަމައެގޮތަށް ޖޭޕީއާ އެކުވެސް މިކަންކަމުގައި ތަފްސީލީ ގޮތެއްގައި މަޝްވަރާތައް ކުރިއަށް ގެންދެވޭނެ ކަމަށް ފާރިސް ވިދާޅުވިއެވެ. އަދި ވިދާޅުވީ މި މަޝްވަރާތަކުގައި ތަފްސީލީ ގޮތެއްގައި ވާހަކަ ދެކެވޭނީ ގައުމުގެ މަސްލަހަތާ ގުޅުންހުރި ސިޔާސަތުތަކާ ބެހޭގޮތުން ކަމަށެވެ.
ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެމްއާރްއެމްއިން އަދި ވަކިގޮތެއް ނުނިންމާކަން ފާހަގަކުރައްވާ ފާރިސް ވިދާޅުވީ ހުރިހާ އޮޕްޝަންސްވެސް ހުޅުވިފައި ހުރި ކަމަށެވެ.
"އެމްއާރްއެމްއިން އެހެން ބަޔަކާއެކު މަސައްކަތްކުރާނީތޯ ނުވަތަ ނޫންތޯ، ކޯލިޝަނެއް ހަދާނީތޯ ނުވަތަ ނޫންތޯ، އެކަމުގައިވެސް ވަކިގޮތެއް އަދި ނިންމާފައެއް ނެތް. އަދި އެމްއާރްއެމްގެ ފަރާތުން އަމިއްލައަށްވެސް ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއް ނެރެގެން މަސައްކަތް ކުރުމަކީވެސް ހަމަ ގާތްކަމެއް. އަޅުގަނޑުމެން އިސްކުރާނީ ގައުމުގެ މަސްލަހަތު."
ފާރިސް ވިދާޅުވީ މިކަމުގައި ނިންމަންޖެހެނީ ބޮޑު ނިންމުމެއް ކަމަށްވުމުން އެކަމުގައި ވިސްނާ މަޝްވަރާ ކުރަންޖެހޭ ކަމަށާއި އެހެންކަމުން ވަގުތު ނަގާފާނެ ކަމަށެވެ.
މީގެއިތުރުންވެސް ފާރިސް ވިދާޅުވީ ގައުމަށް އިސްލާހީ ބަދަލުތައް ބޭނުންވާ ކަންކަމުގައި މީގެކުރިންވެސް އެމްއާރްއެމްއިން މަޝްވަރާ ކޮށްފައިވާނެ ކަމަށާއި އެހެންކަމުން އެފަދަ ކަންކަމުގައި އިސްލާހީ ބަދަލުތައް ގެނައުމަށް އެހެން ސިޔާސީ ޕާޓީތައް ތައްޔާރަށް ތިއްބެވިތޯ ބަލަން ބޭނުންވާކަމަށެވެ.
"މިސާލަކަށް ސިޔާސީ ނުފޫޒު ވަދެފަ އޮތްއޮތުން ވަޒީފާ ދިނުމުގެ ކަންކަމުގައި އަދި ހިދުމަތްތައްް ދިނުމުގެ ކަންކަމުގައި. އެކަންކަން އިސްލާހު ކުރުމަށް އެހެން ބޭބޭފުޅުން ކިހާ ރެޑީއެއްތޯ؟ ނުވަތަ ހަމަ އެބޭފުޅުންނަށް ބާރެއް ލިބޭ ދުވަހަކުން އަނެއްކާވެސް އެބޭފުޅުންގެ ޕާޓީއަށް ނޫނީ އުފެދޭ ކޯލިޝަންގެ ޕާޓީތަކަށް އެކަނިތޯ ފުރުސަތުތައް ހުޅުވާލަން ވިސްނަވަނީ؟ ނޫނީ ހަމަ ރައްޔިތުންނަށް ހަމަހަމަ ފުރުސަތަކުން ހިދުމަތް ދެއްވަން ވިސްނަވާތޯ؟ ދެންހަމަ ގައުމީ ސަލާމަތާ ބެހޭ، މިނިވަންކަމާ ބެހޭ ސުވާލުތައްވެސް ހުންނާނެ." ފާރިސް ވިދާޅުވިއެވެ.
ފާރިސް ވިދާޅުވީ އެކަންކަމުގައި ތަފްސީލީ ގޮތެއްގައި ހުރިހާ ފަރާތްތަކާ އެކުވެސް މަޝްވަރާ ކުރުމަށް ބޭނުންވާ ކަމަށެވެ. އަދި ގައުމުގެ މަސްލަހަތު އިސްކުރައްވާނެ ކަމަށް ވިދާޅުވި ވާހަކަ ތަކުރާރު ކުރައްވާފައިވެއެވެ.