Last Updated: April 23, 11:36
Tuesday, April 23, 2024
ޚަބަރު

އަޔާދީން ދަނޑުވެރިންނަށް ހާއްސަ އިންޝޫރެންސެއް

އެލައިޑް އިންޝުއަރަންސް ކުންފުނީގެ އިސްލާމިކް ވިންޑޯ؛ އަޔާދީ ތަކާފުލްއިން ރާއްޖެއަށް މުޅިން އަލަށް ތައާރަފުކުރާ "ކްރޮޕް ތަކާފުލް" ހިދުމަތް ތައާރަފްކޮށްފި އެވެ.

"ކްރޮޕް ތަކާފުލް" އަކީ ދަނޑުވެރިންގެ އާމްދަނީއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެކަމުން އަރައިގަތުމަށް އެހީތެރިވެދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮޑަކްޓެއް ކަމަށް އަޔާދީއިން މައުލޫމާތު ދެ އެވެ.

އެގޮތުން އޮންލައިންކޮށް ވަގުތުން ނެގޭ މިހިދުމަތުގައި ރަޖިސްޓްރީވުމަށް އެއްވެސް ލިޔެކިޔުމެއް ބޭނުން ނުވާ އިރު، މިވަގުތު މިހިދުމަތުގެ ކަވަރޭޖު ހަމަޖެހިފައިވަނީ ގުދުރަތީ ހާދިސާއެއްގެ ސަބަބުން ދަނޑުތަކަށް ލިބިދާނެ ގެއްލުންތަކަށް ބަދަލު ހޯދާ ދިނުމަށެވެ. "ކްރޮޕް ތަކާފުލް" ނަގާފައިވާ ދަނޑުވެރިޔަކަށް، ޕްލޭންގެ މުއްދަތުގައި މިފަދަ ގެއްލުމަކާއި ކުރިމަތިވެއްޖެނަމަ، ހާދިސާ ހިނގާފައިވާ ކަމުގެ ރިޕޯޓަކާއި އެކު ފޮޓޯ ހުށައެޅުމުން ބަދަލު ހަމަޖެހިގެންދާނެ އެވެ.

ބަދަލުގެ ގޮތުގައި ކަނޑައެޅިފައިވަނީ ދަނޑު ހެއްދުމަށް ކޮށްފައިވާ ހަރަދުތަކާއި އެއިން ލިބޭނެ ކަމަށް އަންދާޒާ ކުރެވޭ ފައިދާވެސް ހިމެނޭ ގޮތަށެވެ.

އެލައިޑް އިންޝުއަރަންސް އިން ބުނީ "ކްރޮޕް ތަކާފުލް"އަކީ ދަނޑުވެރިންނަށް މޫސުމީ ބަދަލުތަކުގެ ސަބަބުން އަމްދަނީއަށް ކުރާ އަސަރު ކުޑަކޮށް ކޮލިޓީ އޮފް ލައިފް އިތުރު ކޮށްދޭން ހިދުމަތަކަށް ވެގެންދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ. އެގޮތުން "މައި އެލައިޑް" މެދުވެރިކޮށް ވަގުތުން، ފަސޭހައިން ނެގޭ މިހިދުމަތުގެ ބޭނުން ހުރިހާ ފަރާތްތަކުންވެސް ކުރާނެ ކަމަށް އެލައިޑުން އުއްމީދު ކުރެ އެވެ. އަދި މިކަމަށް ހިނގާނެ ހަރަދު ބަލާލަން ބޭނުންވެއްޖެ ހާލަތެއްގައި މައި އެލައިޑް މެދުވެރިކޮށް އަގު ބަލާލެވޭނެ ކަމުގައި އެކުންފުނިން މައުލޫމާތު ދެ އެވެ.