Last Updated: March 29, 11:09
Friday, March 29, 2024
ޚަބަރު

އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަނީ

މާރުކޭޓުގައި ވިއްކާ ލުނބޯތަކެއް - ފޮޓޯ: ރާއްޖެއެމްވީ

އެސްޓީއޯއިން ލުނބޯ އެތެރެކޮށް އަގު ހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވީ ލުނބޯގެ އަގު ބޮޑުވުމުން އަގު ދައްކުރުމަށްޓަކާ އެސްޓީއޯ އިން ލުނބޯ އެތެރެކޮށްފައިވާ ކަމަށެވެ. އަދި އާންމު ކާބޯތަކެތީގެ އަގުތައް ބޮޑު ނުކުރުމަށް ވަނީ އެދިފަ އެވެ.

އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކަނީ 60ރ. އަށެވެ.

އެސްޓީއޯއިން ރޯދަޔަށް ހާއްސަކޮށްގެން ގެނައި ފިޔާ، އަލުވި އަދި ބިސް ވިއްކާ އަގުތައް ވެސް ވަނީ އިތުރަށް ހެޔޮކޮށްފަ އެވެ.

އެސްޓީއޯ އިން ކުރިން ފިޔާ ބަސްތާއެއް ވިއްކީ 170ރ. އަށެވެ. އެކަމަކު މިހާރު އެ އަގު ވަނީ 160ރ. އަށް ތިރިކޮށްފަ އެވެ. އަލުވި ކިލޯއެއް ކުރިން 250ރ. އަށް ވިއްކި އިރު އޭގެ އަގު ވަނީ 240ރ. އަށް ހެޔޮކޮށްފަ އެވެ. އަދި ބިސް ކޭހެއް ކުރިން 290ރ. އަށް ވިއްކުމަށް ފަހު މިހާރު އޭގެ އަގު ވެސް ވަނީ 280ރ. އަށް ބަދަލުކޮށްފަ އެވެ.

ރީޓެއިލްކޮށް އެސްޓީއޯ އިން އަލުވި ކިލޯއެއް 11ރ. އަށް މިހާރު ވިއްކާއިރު ފިޔާ ކިލޯއެއް 9ރ. އަށް އަދި ބިހެއް ވިއްކަމުން އަންނަނީ 1.75ރ. އަށެވެ.

އެސްޓީއޯ އިން ވަނީ މާލޭ އިންޑަސްޓްރިއަލް ޒޯން، ގްރޭޓަރ މާލެ ބަސް ޓާމިނަލުގެ ހުޅަނގުގައި އެސްޓީއޯ ހޯލްސޭލް ކައުންޓަރެއް ވެސް ގާއިމުކޮށްފަ އެވެ. މިއީ ރޯދަމަހަށް އެސްޓީއޯގެ މުދާ އާންމުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް އެޅިފައިވާ ފިޔަވަޅެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.