Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މެންބަރު ޝިޔާމް ހައްޔަރުކޮށްފި

މެންބަރު އަހުމަދު ޝިޔާމް ފުލުހުންގެ ހައްޔަރަށް ގެންދަނީ-

ޕީޕީއެމުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވި މައްސަލައިގައި ކަމަށް ބުނެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ހައްޔަރު ކޮށްފިއެވެ.

މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ސޯޝަލްމީޑިއާގައި ހިއްސާކުރި ވީޑިއޯއަކުން ފެންނަނީ އެސްއޯ ފުލުހުން މެންބަރު ޝިޔާމް ހައްޔަރު ކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވާ މަންޒަރެވެ.

ހައްޔަރު ކުރުމުގެ ކުރިން ފުލުސް މީހާ މެންބަރު ޝިޔާމާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ހައްޔަރަށް ގެންދެވެނީ މެންބަރު ޝިޔާމް ލީޑްކުރި މުޒާހަރާގެ ބައިވެރިން މިރޭ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.

އިދިކޮޅުން މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންވެސް ގިނަ ބަޔަކު ފުލުހުންގެ ހައްޔަރަށް ގެންގޮސްފައިވެއެވެ.

މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ.

މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ އިރުކޮޅެއް ފަހުންނެވެ.