Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ޝިޔާމް ހައްޔަރު ކުރިކަން މަޖިލީހަށް ނާންގާ

ރައްޔިތުންގެ މަޖިލީހުގެ ތަޅުން- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ރޭ ހައްޔަރު ކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ފުލުހުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައި ނުވާކަމަށް މަޖިލީހުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ މެންބަރު ޝިޔާމް ރޭ ހައްޔަރު ކުރުމަށްފަހު ހަތަރު ގަޑިއިރެއްހާއިރު ފަހުން ދޫކޮށްލާފައިވާކަން ރައްޔިތުންގެ މަޖިލީހުން ސާފު ކުރި މައުލޫމާތުން އެނގޭ ކަމަށެވެ.

އީވާ ވިދާޅުވީ ފުލުހުން އަމަލު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 236 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، "ޖިނާއީ ކުށެއްގެ ތުހުމަތުގައި ބަންދުކޮށްގެން ނޫނީ، ތަހުގީގު ކުރިއަށް ގެންދެވެން ނެތް ހާލަތެއްގައި، މެންބަރަކު ބަންދުކުރަންޖެހިއްޖެ ހިނދެއްގައި، ބަންދުކުރާތާ ގިނަވެގެން 1 ގަޑިއިރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ނުވަތަ މަޖިލީހުގެ އަމީން އާންމަށް އަންގަންވާނެ" ކަމަށެވެ.

އީވާ ވިދާޅުވީ މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފިނަމަ، އާންމު އުސޫލުން ފުލުހުން އެކަން މަޖިލީހަށް އަންގަމުންދާ ކަމަށެވެ. އެހެންނަމަވެސް މިފަހަރު މެންބަރު ޝިޔާމް ހައްޔަރު ކުރުމަށްފަހު އެކަން މަޖިލީހަށް އަންގާފައި ނުވާކަމަށް ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހުގެ ގަވައިދާ ހިލާފަށް، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރު ކުރުމުން ރައްޔިތުންގެ މަޖިލީހަށް އެކަން އަންގާފައި ނެތުމަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ކަމެއް." އީވާ ވިދާޅުވިއެވެ.

މެންބަރު ޝިޔާމް ރޭ ހައްޔަރު ކުރި ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމު ވެފައިވާއިރު، ފުލުސް މީހާ މެންބަރު ޝިޔާމާ ވާހަކަ ދައްކަމުން ބުނެފައިވަނީ، ހައްޔަރަށް ގެންދެވެނީ މެންބަރު ޝިޔާމް ލީޑްކުރި މުޒާހަރާގެ ބައިވެރިން މިރޭ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުން ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށެވެ.