ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ބަލަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް "އައްޑޫލައިވް"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ ކޮމިޓީގެ އިސް ނެގުމަށް އެ މައްސަލަ ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އެ ކޮމިޓީގެ ބައްދަލުވުމެއް 11 ޖަހާއިރު އޮންނާނެއެވެ.
ޕީޕީއެމް މުޒާހަރާގެ ބައިވެރިން ރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ އިރުކޮޅެއް ފަހުންނެވެ.
އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗުވި މައްސަލައިގައި އެ ހިދުމަތުންވެސް ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއްވެސް ހުށަހަޅާފައިވެއެވެ. އެހެންނަމަވެސް އެ ކުއްލި މައްސަލަ ބަލައިނުގަނެ ވަނީ ބޭރުކޮށްލާފައެވެ. ކުއްލި މައްސަލައިގައި ގޮވާލާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗްވި މައްސަލަ ތަހުގީގު ކުރުމަށް އަދި ޑިފެންސް މިނިސްޓަރުގެ އިސްތިއުފާއަށެވެ.