ރަންބީރް ކަޕޫރްގެ ކުރިއަށް އޮތް ފިލްމު "އެނިމަލް" ގެ ފަހު ޝޫޓިން ޝެޑިއުލް އަންނަ މަހު އިނގިރޭސިވިލާތުގައި ކުރިއަށް ގެންދަން ނިންމައިފި އެވެ.
ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ 2019 ގެ "ކަބީރް ސިންގް" ގެނެސްދިން ޑައިރެކްޓަރު ސަންދީޕް ރެޑީ ވަންގާގެ ޑާކް ތުރިލާގެ ޝޫޓިން އަށް އެ ގައުމަށް ކާސްޓާއި ކްރޫ ފުރާނީ އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ކަމަށާއި އެ ޝެޑިއުލް ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން ލަންޑަނާއި ސްކޮޓްލޭންޑްގައި ވެސް "އެނިމަލް" ގެ މަންޒަރުތަކެއް ނަގަން ރޭވިފައިވާ އިރު، އެ ޝެޑިއުލްގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލް ވެސް ބައިވެރިވާނެ އެވެ.
މީޑިއާތަކުން ބުނީ ޔޫކޭ ޝެޑިއުލްގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ފިލްމުގެ އެކްޝަން މަންޒަރުތަކެއް ކަމަށެވެ.
މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "އެނިމަލް" އަކީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 14 ގައި ބަތަލާ އާލިއާ ބަޓާ ކައިވެނިކުރުމަށް ފަހު ރަންބީރް މަސައްކަތް ފެށި ފުރަތަމަ ފިލްމެވެ. އޭނަގެ ކެރިއަރުގައި މިހާތަނަށް ކުޅޭ އެންމެ ޑާކް އަދި އެންމެ ތަފާތު ކެރެކްޓާ ފެންނާނެ ފިލްމުގެ ބަތަލާއިންނަކީ ރަޝްމިކާ މަންދަނާ އާއި ޓްރިޕްތީ ދިމްރީ އެވެ.
"އެނިމަލް" ސިނަމާތަކަށް ގެންނަން ހަމަޖެހިފައި ވަނީ އޮގަސްޓް 11 ގަ އެވެ.
ރަންބީރްގެ އެންމެ ފަހުގެ ފިލްމީ މި މަހުގެ 8 ގައި ރިލީޒްކުރި ރޮމޭންޓިކް ކޮމެޑީ "ތޫ ޖޫޓީ މޭ މައްކާރް" އެވެ.