Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

މޮޓޯކޭޑަށް ހުރަސްއެޅުން: މުއައްސަސާތަކުން އަމަލުކުރި ގޮތް ބަލަނީ

241 ކޮމިޓީގެ މުގައްރިރު، މެންބަރު މުހައްމަދު އަސްލަމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއަޅާ ހުއްޓުވި މައްސަލަ ބެލުމަށް ނިންމާ އެ މައްސަލައިގައި ފުލުހުން އަދި އެމްއެންޑީއެފްއިން އަމަލުކޮށްފައިވާ ގޮތް ސާފުކުރުމަށް 241 ކޮމިޓީން ނިންމައިފިއެވެ.

އެ މައްސަލައިގައި މިއަދު މަޖިލީހުގެ 241 ކޮމިޓީގެ ބައްދަލުވުމެއް ބޭއްވާފައިވާއިރު، އެ ބައްދަލުވުމުގައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވަނީ ދެ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެ ހުށަހެޅުންތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޮކޭޑް ދަތުރުކުރާ މަގު ޗެކުކޮށް ސެކުއާތޯ ޗެކުކުރިތޯ ބެލުމަށާއި އަދި ގަސްތުގައި ރައީސުލްޖުމްހުރިއްޔާގެ މޮޓޯކޭޑަށް އެއްވެސް ފަރާތަކުން ހުރަސްއެޅިތޯ ބެލުމަށެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އަބްދުލްގަފޫރު މޫސާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް ކުރިމައްޗަށް އަރާ އެއަށް ހުރަސްނޭޅޭނެ ކަމަށާއި ގަސްތުގައި ހުއްޓުވާފައިވާނަމަ އެ ބައެއްގެ މައްސަލަ ބަލަންޖެހޭނެ ކަމަށެވެ. އަދި އެމްއެންޑީއެފުން އެ ސަރަހައްދަށް ރައީސް ގެންދިޔައީ ކީއްވެތޯވެސް ބަލަންޖެހޭނެ ކަމަށެވެ.

އަބްދުލްގަފޫރު މޫސާގެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިންއެވެ. ކޮމިޓީގައި ވާހަކަ ދައްކަވަމުން ހިސާން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އިދާރާތަކުން އަމަލުކުރީ ކިހިނެއްތޯ 241 ކޮމިޓީން ބަލަންޖެހޭ ކަމަށާއި، އަދި މިކަމަކީ ބަޔަކު ރާވައިގެން ހިންގި ކަމެއްތޯވެސް ބަލަންޖެހޭނެކަމަށެވެ.

241 ކޮމިޓީގެ ބައްދަލުވުމުގައި ވާހަަކަ ދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ މިހާތަނަށް ލިބިފައިހުރި މައުލޫމާތަށް ބަލާއިރު މިއީ ސެކިއުރިޓީ ބްރީޗެއް ކަމަށް ބެލެވޭ ކަމަށެވެ. މިކަމަކީ ސަލާމަތީ ހިދުމަތްތަކުގެ ފެއިލިއާއެއް ކަމަށްވެސް ވިދާޅުވިއެވެ. އާދަމް ޝަރީފް ވަނީ މި މައްސަލައާ ގުޅިގެން އެމްއެންޑީއެފް އަދި ފުލުހުންގެ އިންސިޑެންޓް ރިޕޯޓް ކޮމިޓީއަށް ހޯދަން ހުށަހަޅާފައެވެ. އަދި ފުލުހުންގެ މުއައްސަސާއާއި އެމްއެންޑީއެފް ވަކިން ކޮމިޓީއަސް ހާޒިރުކޮށްގެން މިކަން އިތުރަށް ބެލުމަށް ހުށަހެޅުއްވިއެވެ.

މީގެއިތުރުން ކޮމިޓީގައި ވާހަކަ ދައްކަވަމުންމެންބަރު ހަސަން ލަތީފް ވަނީ މި މައްސަލައިގައި ދެ މުއައްސަސާގެ ކޯޑިނޭޝަންގެ މައްސަލައެއް އޮތްތޯ ނެތްތޯ ކޮމިޓީން ބެލުމަށްވެސް ހުށަހަޅާފައެވެ.

ކޮމިޓީގެ މެންބަރުންގެ ވާހަކަތަކަށްފަހު 241 ކޮމިޓީގެ މުގައްރިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މި މައްސަލައިގައި މިއަދު ފުލުހުން އަދި އެމްއެންޑީއެފްއަށް، މިކަމާ ގުޅިގެން ތައްޔާރުކޮށްފައިވާ އިންސިޑެންޓް ރިޕޯޓް އަދި އިތުރު ރިޕޯޓްތައް ހޯދުމަށް ސިޓީ ފޮނުވާނެ ކަމަށެވެ. އަދި އެ ހާދިސާއަށްފަހު އެ ދެ މުއައްސަސާއިން އަމަލުކުރިގޮތް ހޯދަން ވެސް ސިޓީގައި ހިމަނާނެ ކަމަށެވެ.

ޕީޕީއެމް މުޒާހަރާގެ ބައިވެރިން ރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ އިރުކޮޅެއް ފަހުންނެވެ.

އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. އަދި އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ އިދާރާއިން ބުނެފައިވެއެވެ. އެމްއެންޑީއެފުން ބުނެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި މޮޓޯކޭޑްގެ ސެކިއުރިޓީ ބްރީޗުވި މައްސަލައިގައި އެ ހިދުމަތުންވެސް ބަލަންޖެހޭ ކަންކަން ބަލަމުންގެންދާ ކަމަށެވެ.