ރައީސް އިބްރާޙިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑް ހުއްޓުވުމުން އެވަގުތުގައި އެމަނިކުފާނު އިނީ "ހަވަރަށް ދީފައި" ކަމަށް މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑަށް ހުރަސްއަޅާ ހުއްޓުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން މިއަދު ބަލަން ފަށާފާއިވާއިރު އެ ކޮމިޓީގެ މެންބަރުން ވަނީ އެ ހާދިސާާއާ މެދު އެ މެންބަރުން ދެކޭގޮތް ހާމަކޮށްފައެވެ.
އެގޮތުން ކޮމިޓީގައި ވާހަކަ ދައްކަވަމުން އަލީ އާޒިމް ވިދާޅުވީ މިކަމުގައި ކޮންމެވެސް ފަރާތެއްގެ އިހުމާލު އެބައޮތްކަމަށެވެ. އެހެންކަމުން އެ މައްސަލަ ބެލުމަށްފަހު ޒިންމާވާ ފަރާތަކާ މެދު ފިޔަވަޅު އަޅަންޖެހުމުން ފަހަތުފަޔަށް ބުރަވެ، ސިޔާސީ ވިސްނުމަކުން ކަންކަން ކޮށްގެން ނުވާނެ ކަމަށެވެ. އަދި އެގޮތަށް ކަންކުރެވޭނަމަ މިފަދަ ހާދިސާތައް ތަކުރާރުވާނެ ކަމަށް ވިދާޅުވިއެވެ.
ރައީސްގެ މޮޓޯކޭޑް ރޭ ހުއްޓުވުމަށްފަހު އަދި އެސަރައްދުގައި ގިނައިރުތަކެއް ވަަންދެން ބޭއްވި ބޭއްވުން އަލީ އާޒިމް ސިފަކުރެއްވީ ރައީސް "ހަވަރަށް ދިނުމުގެ" ގޮތުގައެވެ.
"ރޭ 15 މިނެޓް މިކަމުގައި ވީމާ އަޅުގަނޑު ގަބޫލުކުރަނީ އެމްއެންޑީއެފުން ރައީސުލްޖުމްހުރިއްޔާ ހަވަރަށް ދީފައޭ އޭނީ 15 ވަރަކަށް މިނެޓަށް. ވަރަށް ބިރުވެރި، 15 މިނެޓް ހަވަރަށް ދީފައެއޮތީ ކުރާނެ ކަމެއް ކުރަން ބަޔަކަށް." އަލީ އާޒިމް ވިދާޅުވިއެވެ.
އަލީ އާޒިމް ވިދާޅުވީ މިކަމުގައި ފިޔަވަޅު ނާޅައިފިނަމަ މިފަދަ ކަންކަން ތަކުރާރުވާނެ ކަމަށެވެ.
މީގެއިތުރުންވެސް ކޮމިޓީ ބައްދަލުވުމުގައި ވާހަކަދެއްކި މެންބަރުންވަނީ 15 ވަރަކަށް މިނެޓަށް ރައީސްގެ މޮޓޯކޭޑް އެތަނުގައި ބެއްވުމުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ ރައީސްގެ ސެކިއުރިޓީ ބްރީޗްވުމަކީ ބޮޑު މައްސަލައެއް ކަމަށާއި މިކަމުގައި ޒިންމާވާ ފަރާތް ދެނެގަނެ އެފަރާތްތަކުގެ އިހުމާލަކީ ކޮބައިތޯ ބަލަންޖެހޭނެ ކަމަށެވެ. އަދި މޮޓޯކޭޑަށް ހުރަސްއެޅި ސަބަބު ވެސް ދެނެގަންނަން ޖެހޭނެ ކަމަށެވެ.
ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ކޮމިޓީގައި ވާހަކަ ދައްކަވަމުން ވިދާޅުވީ މަގު ކްލިއާ ނުކުރެވި 15 މިނެޓްވަންދެން ރައީސްގެ މޮޓޯކޭޑް މަޑުކުރުމަށްފަހު އަނބުރާލާފައި ދާންޖެހުމަކީ މައްސަލައެއް ކަމަށެވެ. އަދި އެކަން ސީރިއަސްކޮށް ބަލަންޖެހޭނެ ކަމަށެވެ. އަލީ ނިޔާޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ މޮޓޯކޭޑް އެހުރިހާ ސެކިއުރިޓީއާއެކު އެމަގުން ނުދެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ޕީޕީއެމް މުޒާހަރާގެ ބައިވެރިން ރޭ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މޮޓޯކޭޑަށް ހުރަސްއަޅާ ސެކިއުރިޓީ ފަހަނައަޅާ ގޮސް ރައީސް ސޯލިހް އިންނެވި ކާރުކޮޅު ކައިރިއަށް ގޮސް ޕީޕީއެމްގެ ދިދަ ވިހުރުވާ ހަދާފައިވެއެވެ. އަދި އެމީހުން ފަހަތައް ޖެއްސުމަށް ރައީސްގެ ސެކިއުރިޓީން ހަރަކާތްތެރިވެފައިވެއެވެ. މުޒާހަރާގެ ބައިވެރިން މޮޓޯކޭޑަށް ހުރަސް އެޅުމުން ރައީސް އިންނެވި ކާރުކޮޅު އެ ސަރަހައްދުން ދުރަށް ގެންދެވިފައިވަނީ އިރުކޮޅެއް ފަހުންނެވެ.
އެ މައްސަލައިގައި މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.