Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

ބެލްޖިއަމްގެ ކެޕްޓަންކަން ޑި ބްރޭނާ އަށް

ބެލްޖިއަމްގެ ގައުމީ ޓީމުގެ ކެޕްޓަންކަން މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާއާ ހަވާލުކޮށްފި އެވެ.

ބެލްޖިއަމްގެ ކުރީގެ ކޯޗު ރޮބާޓޯ މާޓިނޭޒް ހުރިއިރު އެޓީމުގެ ކެޕްޓަންކަން ދީފައިވަނީ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ އެޑެން ހަޒާޑަށެވެ. ނަމަވެސް މިދިޔަ ވޯލްޑް ކަޕަށް ފަހު ހަޒާޑް ވަނީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.

ބެލްޖިއަމްގެ ކެޕްޓަންކަން ޑި ބްރޭނާ އަށް ދިންއިރު އެޓީމުގެ ވައިސް ކެޕްޓަނުންނަށް ހަމަޖައްސާފައިވަނީ ތިބޯ ކޯޓުއާ އާއި ރޮމެލޫ ލުކާކޫ އެވެ.

ޑި ބްރޭނާ ،31، ބުނީ ބެލްޖިއަމް ޓީމުގެ ކެޕްޓަންކަން ކުރުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި އުމުރުން 32 އަހަރުވާން ގާތްވި ނަމަވެސް ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޑި ބްރޭނާ ބުންޏެވެ. އެގޮތުން ގައުމީ ޓީމަށް އަދި ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ވެސް އެހީވެވޭނެ ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖާ ހިސާބުން ބެލްޖިއަމް ކެޓުމުން އެޓީމުގެ ކޯޗަކަށް ހުރި ރޮބާޓޯ މާޓިނޭޒް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. ބެލްޖިއަމްގެ ކޯޗުކަމާ މިހާރު ހަވާލުވެފައިވަނީ ޖަރުމަނު ކްލަބްތަކުގައި ކޯޗިން މަސައްކަތްތަކެއް ކޮށްފައިވާ ޒުވާން ކޯޗު، ޑޮމެނިކޯ ޓެޑެސްކޯ އެވެ.

ޑި ބްރޭނާގެ ކެޕްޓަން ކަމުގައި ބެލްޖިއަމް ކުޅޭ ފުރަތަމަ މެޗުގައި އަންނަ ހުކުރު ދުވަހު ޔޫރޯ ކޮލިފައިންގައި ނިކުންނާނީ ސްވިޑެންއާ ދެކޮޅަށެވެ.