Last Updated: April 20, 06:38
Saturday, April 20, 2024
ޚަބަރު

ކަންކަން ރަނގަޅު ކުރަން ދިރާސާ ކުރުން މުހިއްމު

ފުލުހުންގެ ކަންކަން ރަނގަޅުކޮށް، ތަރައްގީ ކުރުމަށްޓަކައި އެންމެ ރަނގަޅު އުކުޅުތަކާއި އާ ހޯދުންތައް ހޯދައި ދިރާސާކުރުމަކީ މި ޒަމާނުގައި އެންމެ އިސްކަންދޭން ޖެހޭ އެއް ކަންތައް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

ފުލުހުންގެ "ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް 2023" ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ރޭ އެ އެ މަނިކުފާނު ވިދާޅުވީ ގައުމެއްގެ ރައްޔިތުންނަށް ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރައްކާތެރި އަމާން މާހައުލެއް ގާއިމުވެފައި އޮތުން ކަމަށެވެ. އަދި އެ ކަންކަން ކަށަވަރުކުރުމުގައި ރެޔާއި ދުވާލު ބުރަ މަސައްކަތްކުރާ ފަރާތްތަކެއް އެބަތިބިކަން ފާހަގަކުރައްވައި އެ ފަރާތްތަކުން ކުރާ މަސައްކަތްތައް ތަރައްގީކޮށް ރަނގަޅު ކުރެވޭނީ ވެސް ހޯދުންތައް ހޯދައި ޒަމާނަށް އަންނަ ބަދަލުތަކާއި ދުނިޔޭގެ އެހެން ގައުމުތަކުގައި ގެންގުޅޭ ވައްޓަފާޅިތަކާއި އަރާ ހަމަކޮށްގެން ކަމަށް ފައިސަލް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އަބަދުވެސް ނުރަނގަޅު ކަމެއް ޢާންމުވުމުގެ ކުރިން ދުރާލައި އެކަމަކަށް ފިޔަވަޅުއަޅައި ކަންކަން ބައްޓަންކުރުން ވަރަށް މުހިންމު ކަމަށެވެ.

"ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސް" އަކީ ފުލުހުންގެ މުސްތަގުބަލު ބިނާކުރުމުގެ ގޮތުން ޕޮލިސް ބޯޑާއި ހޯމް މިނިސްޓްރީ އަދި ފުލުހުން ގުޅިގެން ބޭއްވި މިފަދަ ފުރަތަމަ ރިސާޗް ކޮންފަރެންސެވެ. މީގެ މަގުސަދުތަކުގެ ތެރޭގައި މަދަނީ ޖަމުޢިއްޔާތަކާއި ދިރާސާކުރާ ފަރާތްތަކާއި ކިޔަވާކުދިންނާއި ކޮމިއުނިޓީ ލީޑަރުންނާއި ސިޔާސަތުތައް ބައްޓަންކުރާ ފަރާތްތަކާއި ސަލާމަތާއި ރައްކާތެރިކަމުގެ ސިނާޢަތުގެ ތަޖުރިބާކާރުންނާއެކު ގުޅުން ބަދަހިކޮށް އަދި އެފަރާތްތަކުގެ ޢިލްމީ ހޯދުންތަކާއި ތަޖުރިބާތައް ހިއްސާކުރުން ހިމެނެ އެވެ.

ތަފާތު ދާއިރާތަކުގެ ތަޖުރިބާކާރުންގެ ދިރާސާ ކަރުދާސްތައް ހުށަހެޅިގެން ދިޔަ މި ކޮންފަރެންސް ބޭއްވީ މި މަހުގެ 18-20 އަށެވެ.