Last Updated: April 20, 11:45
Saturday, April 20, 2024
ޚަބަރު

ސްކޫލް ލަވަ މުބާރާތް އަލުން ބާއްވަނީ

ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ހުޅުވާލައިގެން ކުރިން ބާއްވަމުން އައި ލަވަ މުބާރާތް މެދުކެނޑުމަކަށް ފަހު އަލުން ބާއްވަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމާ ގުޅިގެން ބާއްވާ އެ މުބާރާތް އިންތިޒާމުކުރަނީ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި އާޓްސް މިނިސްޓްރީންނެވެ. އެތުން މުބާރާތުގެ އެއްބަސްވުމުގައި އިއްޔެ ވަނީ ރަސްމީކޮށް ސޮއި ވެސް ކޮށްފަ އެވެ. އެޑިއުކޭޝަންގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. އައިޝަތު އަލީ އެވެ. އާޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޔުމްނާ މައުލޫނެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އަހުމަދު މަހުލޫފެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީ ޚާލިދެވެ.

ސްކޫލުތަކުގެ ލަވަ މުބާރާތް އެންމެ ފަހުން ބޭއްވީ 2015 ގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ލަވަ މުބާރާތް ބާއްވާނީ އަންނަ ޖޫން މަހުގެ 16 ގައި ކަމަށެވެ. އެ މުބާރާތުގައި ބައިވެރިވާން ސްކޫލުތަކަށް މިހާރު ވަނީ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.

ސްކޫލް ކުދިންގެ ލަވަ މުބާރާތަކީ ރާއްޖޭގައި ވަރަށް ގިނަ މަޝްހޫރު ލަވަކިޔުންތެރިންތަކެއް އުފެދުމަށް މަގުފަހިވި މުބާރާތެކެވެ. އެގޮތުން ސްކޫލް ލަވަ މުބާރާތުގައި ލަވަ ކިޔުމަށް ފަހު، ޕްރޮފެޝަނަލް ކެރިއަރެއްގެ ގޮތުގައި ވެސް ގިން ފަންނާނުންތަކެއް ފެނިގެން ގޮސްފައިވެ އެވެ.