ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބަޖެޓުގެ ބޭރުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނަށް ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަނީ މަޖިލީހުން ފާސްކުރާ ބަޖެޓުން ބޭރުން ހަރަދުކުރާކަމަށް ކުރެވޭ ތުހުމަތާ ގުޅޭގޮތުން ސުވާލު ކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ހަރަދު ކުރަނީ ބަޖެޓާ އެއްގޮތަށް ކަމަށާއި، ބަޖެޓުން ބޭރުން މަސައްކަތްތަކެއް ކުރިއަށް ނުގެންދާ ކަމަށެވެ.
"މިސާލަކަށް އިމަޖެންސީގަ ރަށެއްގެ ކޯސްޓަލް ޕްރޮޓެކްޝަން ކަހަލަ މަސައްކަތްތަކެއް ކުރެވޭނެ ގޮތްވެސް، ވަޔަމެންޓް އުސޫލުގެ ތެރެއިންނާ އަދި އެކި ގޮތްގޮތަށް ކުރެވިފައި ހުރެދާނެ، ކޮންޓިންޖެންސީގެ ތެރެއިން."
އަމީރު ތަކުރާރުކޮށް ވިދާޅުވީ މަޖިލީހުން ފާސްކުރާ ބަޖެޓުގައި ނެތްކަމެއް ސަރުކާރުން ކޮށްފައި ނޯންނާނެ ކަމަށެވެ.
ސަރުކާރުން ހިންގާ ބައެއް ޕްރޮޖެކްޓްތައް މަޖިލީހުން ފާސްކުރާ ބަޖެޓުގައި ނުހިމަނާ ކުރިއަށްގެންދާ ކަމުގެ ތުހުމަތު ތަންކޮޅެއް ކުރިންވެސް ކުރެވިފައިވެއެވެ. އެގޮތުން އެ ވާހަކަ މަޖިލީހުގެ ފްލޯގައިވެސް ބައެއް މެންބަރުން ސަރުކާރަށް ފާޑުކިޔުމުގެ ގޮތުން ދައްކާފައިވެއެވެ.