Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

"ދެން ޖޫރިމަނާކޮށްފައި ދޫކޮށްލާނީކީ ނޫން"

އަންހެން މީހާ އަށް އަނިޔާކުރި މީހާ ބަޔަކު ހިފަހައްޓާފައި.

ގދ. މަޑަވެލީގައި އަންހެނަކަށް އަނިޔާކުރި މައްސަލާގައި ހައްޔަރުކުރި މީހާއާ ދެކޮޅަށް އެކަށީގެންވާ ވަރަށް ހެކި ވެސް އެބަހުރި ކަމަށާއި އެކަމަކު ދެން އޭނަ 200ރ. އިން ޖޫރިމަނާކޮށްފައި ކޯޓުން ދޫކޮށްލައިގެން ނުވާނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް (ރޮޒޭ) ވިދާޅުވެއްޖެ އެވެ.

އޭނަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އަންހެން މީހާ އަށް އަނިޔާކުރި 33 އަހަރުގެ ފިރިހެން މީހާ ފަދަ މީސްމީހުންނަކީ މުޖުތަމައަށް ނުރައްކާތެރި މީހުން ކަމަށެވެ. އަދި އަނިޔާ ލިބުނު އަންހެން މީހާ އަށް އިންސާފު ވެސް ލިބެން ޖެހޭ ކަމަށް ރޮޒޭ ވިދާޅުވި އެވެ.

"ދެން ދުއިސައްތަ ރުފިޔާ އިން މި މީހާ ޖޫރިމަނާކޮށްފައި [ކޯޓުން] ދޫކޮށްލާނީކީ ނޫން،" އޭނަ ވިދާޅުވި އެވެ. "އެހެން ހަދާތީ ބިރެއް ނެތި މީހުންނަށް މިފަދަ އަނިޔާކުރަން ކެރެނީ."

އަންހެން މީހާ މަގުމަތީގައި ދަމާކޫއްތާފައި ގެންދާ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އިއްޔެ ދައުރުވި އެވެ. އަދި އެއަށް އިޝާރާތް ކުރައްވައި ރޮޒޭ ވިދާޅުވީ އެއިން ވާ ވަރަށް ހެކި ވެސް މުޅި ދުނިޔެ އަށް ފެންނަން އެބަހުރި ކަމަށެވެ.

އަނިޔާކުރި އަންހެން މީހާ އަށް އަންނަނީ ފަރުވާ ދެމުންނެވެ. އެނގިފައިވާ ގޮތުގައި މިހާރު ޖެންޑަ މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި އެ އަންހެން މީހާ މަޑަވެއްޔަށް ގޮސް އުޅުނު އެހެން ރަށެއްގެ މީހެކެވެ.