Last Updated: April 26, 17:23
Friday, April 26, 2024
މުނިފޫހިފިލުވުން

"ޕަތާން" އެމެޒޯން ޕްރައިމަށް ދޫކޮށްލައިފި

ޖެނުއަރީގައި ރިލީޒްކުރި ޝާހްރުކް ޚާންގެ ފިލްމު "ޕަތާން" އެމެޒޯން ޕްރައިމް ވީޑިއޯ އަށް މިއަދު ދޫކޮށްލައިފި އެވެ.

ބޮކްސް އޮފީހުގައި އާ ރެކޯޑްތަކެއް ހެދި މި ފިލްމަކީ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އަށް ސިދާތު އާނަންދު ޑައިރެކްޓްކުރި އެކްޝަން ތުރިލާއެކެވެ.

އިންޑިއާގެ އިތުރުން އަދިވެސް ބޭރުގެ ބައެއް ގައުމުތަކުގެ ސިނަމާތަކުގައި "ޕަތާން" ދައްކަމުން އަންނަ އިރު މި ފިލްމު މިހާރު އެ މީހަކު ހުރި ތަނެއްގައި ހުރި އެމެޒޯން ޕްރައިމުން ބަލައިލެވޭނެ ވާހަކަ ޝާހްރުކް މިއަދު ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައިވެ އެވެ. އަދި ބޮޑު ސްކްރީނުގައި ދެއްކި އިރު، ނުހިމެނޭ ބައެއް މަންޒަރުތައް ވެސް ސްޓްރީމިންގައި ހިމެނޭނެ އެވެ.

ބޮކްސް އޮފީހުގައި މިހާތަނަށް 130 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދާފައިވާ "ޕަތާން" އަކީ ވިޔަފާރީގެ ގޮތުން ޝާހްރުކްގެ އެންމެ ކާމިޔާބު ފިލްމެވެ. މީގެ ކާސްޓްގައި ދީޕިކާ ޕަދްކޯނާއި ޖޯން އަބްހަރަމް ވެސް ހިމެނެ އެވެ.

"ޕަތާން" ގެ ސީކްއެލްއެއްގެ އިޝާރާތެއް ވެސް ފިލްމުގެ ޓީމުން އޮތީ އެވެ.

މި އަހަރު ޝާހްރުކް، 57، ގެ އިތުރު ދެ ފިލްމެއް އަންނަން އަދި އެބައޮތެވެ. އެއީ އެކްޝަން ތުރިލާ "ޖަވާން" އާއި ސޯޝަލް ކޮމެޑީ "ދުންކީ" އެވެ.