ރިސޯޓުތަކުގެ އިސް މަގާމުތަކަކީ ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރެވެ.
ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވަޒީފާތަކުގެ ތެރޭގައި ހިމެނޭ، ރިޒޯޓު މެނޭޖަރުކަމާއި، އެޗް.އާރް މެނޭޖަރުކަމާއި، ޗީފް އެކައުންޓެންޓުގެ މަޤާމަށް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭ މަޤާމެއްކަމަށް ކަނޑައެޅުމަށް ގޮވާލާ ޖާބިރު ހުށަހެޅި ގަރާރުގައި ބުނެފައިވަނީ ރިސޯޓްތަކުގެ މަތީ މަގާމުތަކަކީ ކޮންމެހެންވެސް ދިވެހިން ތިބެންޖެހޭނެ މަގާމުތަކެއް ކަމަށެވެ.
ރާއްޖޭގެ 80 ޕަސެންޓް ރިސޯޓްތަކުގެ މެނޭޖަރުންނަކީ ބިދޭސީން ކަމަށާއި 95 ޕަސެންތް ރިސޯޓްތަކުގެ އެކައުންޓްސް މެނޭޖަރަ ނުވަތަ ޗީފް އެކައުންޓެންޓްއަކީ ބިދޭސީއެއް ކަމަށް އަދި 70 ޕަސެންޓް ރިސޯޓްތަކުގެ ހިއުމަންރިސޯސް މެނޭޖަރުންނަކީ ބިދޭސީންކަން ގަރާރުގައި ފާހަގަ ކޮށްފައިވެއެވެ.
މިކަމަށް ހައްލެއް ގެނައުމަށް ޤާނޫނީ އޮނިގަނޑުގެ ތެރެއިން ހައްލެއް ގެންނަންޖެހޭ ކަމަށް ގަރާރުގައި ބުނެފައިވެއެވެ. އަދި މިކަމުގައި ހައްލެއް ހޯދުމަށް މަޖިލީހުގެ މެންބަރުން ދެކޭގޮތް ހޯދުމަށްޓަކައި ގަރާރު ހުށަހަޅާ ކަމަށް ބުނެފައިވެއެވެ.