Last Updated: April 26, 20:05
Friday, April 26, 2024
ދުނިޔެ

ފޭސްބުކާއި އޭގެ ވެރިޔާ އަށް ދައުވާކޮށްފި

މެޓައިން ހިންގާ ފޭސްބުކާއި އިންސްޓަގްރާމުން ހިއުމަން ޓްރެފިކިން އާއި ކުޑަކުދިނަށް ޖިންސީ ފުރައްސާރަކުރުން ފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށް ބުނެ ފޭސްބުކާއި އޭގެ ވެރިޔާ މާކް ޒަމަބާގަށް ދައުވާކޮށްފި އެވެ.

މި މައްސަލަ މިދިޔަ ހޯމަ ދުވަހު ހުށަހެޅީ އެމެރިކާގެ ޑެލަވެއާގެ ޗާންސެރީ ކޯޓަށެވެ. ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި ވަނީ މެޓަ އިން ހިންގާ ފޭސްބުކާއި އިންސްޓަގްރާމް މެދުވެރިކޮށް ހިއުމަން ޓްރެފިކިން އާއި ކުޑަކުދިންނށް ޖިންސީ ފުރައްސާރަކުރުން ފަދަ މައްސަލަތައް ނުހުއްޓުވި، އެފަދަ ކަންކަމަށް އިތުރަށް މަގުފަހިވަމުންދާ ކަމަށެވެ. އަދި މިކަން މެޓަގެ ވެރިންނަށް ވެސް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެކަމާ ދެކޮޅަށް ކުންފުނީގެ ބޯޑުން އެކަށީގެންވާ ފިޔަވަޅުތަކެއް ނާޅަނީ ގަސްތުގައި އެނގި ތިބެ ކަމަށް ވެސް ބުނެފައިވެ އެވެ.

ނަމަވެސް މިކަމާ ގުޅިގެން މެޓަ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ދައުވާގައި އެއްވެސް އަސާސެއް ނެތް ކަމަށާއި މެޓަ އިން ހިންގާ އެޕްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދޭން ހުއްޓުމެއް ނެތި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އަދި ފޭސްބުކާއި އިންސްޓަގްރާމަކީ ނަހަމަ ގޮތުގައި އެ އެއްޗެހީގެ ބޭނުން ހިފަން ހުއްޓުވަން މިހާތަނަށް ވެސް އެތައް ފިޔަވަޅެއް އަޅާފައިވާ އެޕްތަކެއް ކަމަށް ބުންޏެވެ.

ފޭސްބުކާއި އިންސްޓަގްރާމަށް މީގެ ކުރިން ވެސް މިފަދަ ތުހުމަތުތަކެއް ކުރެވިފައިވެ އެވެ. ދެހާސް ނަވާރައިގައި އެމެރިކާގެ ކޮންގްރެސްގައި ޒަކަބާގް ވިދާޅުވެފައިވާ ގޮތުގައި މެޓަ އިން އެންމެ ބޮޑަށް ފޯކަސްކުރާ އެއް ކަމަކީ ވެސް އޭގެ ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމެވެ.