Last Updated: May 13, 13:50
Tuesday, May 13, 2025
މުނިފޫހިފިލުވުން

ވަރޫން އާއި ޖާންވީގެ ފިލްމު މިހާރު އޮކްޓޯބަރަށް

ވަރޫން ދަވަނާއި ޖާންވީ ކަޕޫރްގެ ޖޯޑު ބޮޑު ސްކްރީނުން އެކީގައި ފެންނާނެ ފުރަތަމަ ފިލްމު "ބަވާލް" އޮކްޓޯބަރަށް ފަސްކޮށްފި އެވެ.

މިދިޔަ އަހަރު ޝޫޓިން ނިންމާފައި އޮތް މި ފިލްމު ކުރިން ސިނަމާތަކަށް ގެންނަން އޮތީ އަންނަ މަހުގެ 7 ގަ އެވެ. ނަމަވެސް ސާޖިދު ނަދިއަދުވާލާ ޕްރޮޑިއުސްކޮށް، ނިތޭޝް ތިވާރީ ޑައިރެކްޓްކުރި މި ރޮމޭންޓިކް ޕީރިއަޑް އެކްޝަން ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ އޮކްޓޯބަރު 6 އަށެވެ.

"ބަވާލް" ރިލީޒްކުރުން ފަސްކުރީ އޭގެ ވީއެފްއެކްސް މަސައްކަތްތައް ދިގުލައިގެން ދިއުމާ ގުޅިގެންނެވެ. މި ފިލްމަކީ އިންޑިއާގެ އިތުރުން ބޭރުގެ ބައެއް ގައުމުތަކުގައި ވެސް ޝޫޓްކޮށްފައިވާ ފިލްމެކެވެ.

"ބަވާލް" އަކީ ނެޝަނަލް އެވޯޑް ވެސް ހޯދި 2019 ގެ "ޗިޗޯރޭ" އަށް ފަހު ނިތޭޝް ގެނެސްދޭ ފުރަތަމަ ފިލްމެވެ. އޭނަ އަކީ އާމިރު ޚާންގެ "ޑަންގަލް" ވެސް ޑައިރެކްޓަރެވެ.