އެމެރިކާގެ ބޭންކްތަކަކާ ކްރެޑިޓް ސްވީޒް ބޭންކް އަދި ޔޫރަޕްގެ ބައެއް ބޭންކްތަކަށް ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުގެ ތެރެއިން، 2008 ގެ ފައިނޭންޝަލް ކްރައިސިސް ފަދަކަމެއް ތަކުރާރު ނުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ވަނީ ޔޫރަޕުގެ ބައެއް ގައުމުތަކުގެ ބޭންކްތަކާއި އެމެރިކާގެ ބައެއް ބޭންކްތައް ބެންކްރަޕްޓް ވަމުންދާކަން ފާހަގަކޮށް އެކަމުގެ އަސަރު ރާއްޖެއަށްކޮށް މާލީ ދަތިތަކާ ކުރިމަތިވާނެ ކަމަށް ވިދާޅުވެފައެވެ.
އެކަމާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ބޭރުގެ ބައެއް ބޭންކްތަކަށް ދަތިތަކާ ކުރިމަތިވެ އެކަންކަމުން އަރައިގަތުމުގެ މަސައްކަތް އެ ފަރާތްތަކުން ކުރަމުން އަންނަ ކަމަށެވެ.
އެކަމާ ގުޅިގެން މިހާރު ފައިނޭންޝަލް މާކެޓްތަކަށް ގެނެސްފައިވާ ބަދަލުތަކާ އެކު، 2008 އަދި 2009 ގައި ދިމާވި ފައިނޭންޝަލް ކްރައިސިސްފަދަ ކަމެއް ދިމާވުމަކީ ވަރަށް ނާދިރު ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން އެމެރިކާ އަދި ޔޫރަޕުގެ ބައެއް ގައުމުތަކުގައި އިންޓްރަސްޓް ރޭޓް އަދިވެސް މަތިވަމުވަކީ އެކަށީގެންވާ ކަމެއް ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ކުރެއްވި ސުވާލަކަށްވެސް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ގިނަ ތަޖުރިބާކާރުން ފާހަގަކުރަނީ 2008 އަދި 2009 ގައި ދިމާވިފަދަ ފައިނޭންޝަލް ކްރައިސިސްފަދަ ކަމެއް މިހާލަތުގައި އައުމަކީ ނާދިރުކަމެއް ކަމަށެވެ. އެކަން ތަކުރާރު ނުވާނެ ކަމަށް ދެކެނީ އޭރުގެ ކްރައިސިސްއާ ގުޅިގެން ގައުމުތަކުން ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކުގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ.
އަމީރު ވިދާޅުވީ ދުނިޔޭގެ މާލީ ހާލަތަށް އަންނަ ބަދަލުތައް ބަލަމުން ގެންދަވާނެ ކަމަށެވެ.