Last Updated: June 22, 17:33
Monday, June 22, 2026
ޚަބަރު

އަޅުގަނޑަށް ފާޑު ކިޔަނީ އަންހެނަކަށްވާތީ: މާރިއާ

ރައިސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކޭޑަށް އިދިކޮޅު ކޯލިޝަންގެ މުޒާހަރާއެއްގެ ތެރެއިން އިއްޔެ ރޭ ހުރަސް އެޅި މައްސަލާގައި ޑިފެންސް މިނިސްޓަަރަށް އަމާޒުވެފައިވާ ފާޑުކިޔުންތައް މިނިސްޓަރު އަންހެނަކަށްވީތީ އަމާޒުވާ ފާޑުކިޔުންތަކެއްގެ ގޮތުގައި މާރިޔާ އަހުމަދުދީދީ ސިފަ ކުރައްވައފި އެވެ.

މިނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި އައިޖީއެމް ހޮސްޕިޓަލްގެ ހިންގުން ގޯސްވެގެން ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި ފުލުހުންގެ ކަމެއް ގޯސްވެގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް އެއްވެސް ބަޔަކު ފާޑުނުކިޔާ ކަމަށެވެ. އެކަމަކު އެމްޑީއެފްގެ ކަމެއް ގޯސްވުމުން އެ ކަމަނާ އަށް ފާޑުކިޔަނީ އަންހެނަކަށްވީތީ ކަމަށް މާރިޔާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް ބައެއް ކަންކަމާ ހެދި މާރިޔާ އަށް ފާޑުކިޔުންތައް އަމާޒުވުމުން އެކަން އަންހެނަކަށްވީތީ އަމާޒުވާ ފާޑުކިޔުންތަކެއް ކަމަށް ވިދާޅުވެ "ދިފާއުވާން" އުޅުއްވާފައިވެ އެވެ.

ރައީސް މޮޓޯޑޭކަށް ހުރަސް އެޅި މައްސަލާގައި މަޖިލީހުގެ ބައެއް މެމްބަރުން މާރިޔާ އިސްތިއުފާ ދެއްވަން ވެސް ގޮވާލައްވާފައިވެ އެވެ.

އެ ހާދިސާއާ ގުޅިގެން ހިނގައި ދިޔަ ކަންކަން ބެލުމަށް އެމްއެންޑީއެފުން މިހާރު ވަނީ ހާއްސަ ކޮމެޓީއެއް އެކުލަވާލައިފަ އެވެ.
މި ކޮމެޓީއަކީ އެމްއެންޑީއެގް ލީޑަޝިޕްގެ މަޝްވަރާގެ މަތިން މިނިސްޓަރު މާރިޔާ އުފެއްދެވި ކޮމިޓީއެކެވެ. އަދި ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިންގ އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް ޢަބްދުالله އިބްރާހިމް މަގާމުގެ މަސްޢޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށް، ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖަ އިބްރާހިމް ޙަލީމްއާ ވަނީ ހަވާލުކޮށްފަ އެވެ.