އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިކޮށްފައި އޮތުމުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީޤް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަފީގް ވިދާޅުވީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް އޮތް ފުރުސަތު ހަނިކޮށްފައި އޮތުމުން އެކަމުގެ ކަންބޮޑުވުން ބައެއް މެންބަރުން ފާހަގަކޮށްފައިވާ ކަމަށާއި އެއިސްލާހާމެދު އޭނާވެސް ކަންބޮޑުވާ ކަމަށެވެ.
މިކަމާ ގުޅިގެން ވާހަކަ ދައްކަވަމުން ޝަފީގް ވިދާޅުވީ މި އިސްލާހުގެ ސަބަބުން ނޫސްވެެރިންނަށް ހުރަސްތަކެއް އެޅޭ ކަމަށާއި އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. ޝަފީގް ވިދާޅުވީ މި އިސްލާހު ގެނައުމަށްވުރެއް މިހާރު ގާނޫނުގައި ބަޔާން ކޮށްފައިއޮތްގޮތް މާރަނގަޅު ކަމަށެވެ.
މިހާރު ގެނެވޭ އިސްލާހުގެ ދަށުން އިންތިހާބު ކަވަރުކުރާ ނޫސްވެރިން އީސީގެ ޓްރެއިނިންއެއް ހަދަންޖެހުމަކީ ރިޔާސީ އިންތިހާބު ފަދަ ބޮޑެތި އިންތިހާބުތައް ކަވަރު ކުރުމަަށް އޮތް ފުރުސަތު ހަނިކުރުމަށް ކުރެވޭ ކަމެއް ކަމަށް ވިދާޅުވިއެވެ. ނޫސްވެރިންނަށް ތަމުރީނު ދޭންޖެހޭނީ އިލެކްޝަންސް ކޮމިޝަނުންކަމަށް ނުދެކޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވަމުން ޝަފީގް ވިދާޅުވީ ނޫސްވެރިންނަށް ތަމުރީނު ދޭނެ އިދާރާތަކެއް ކަނޑައަޅާފައި އެބަހުރި ކަމަށެވެ. އެގޮތުން ބްރޮޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލުން ނޫސްވެރިންނަށް ދޭންޖެހޭ ތަމުރީނުތައް ދޭނެކަމަށް ވިދާޅުވިއެވެ.
އޮސްލާހު އޮތްގޮތުން އިންތިހާބުތަކާމެދު ރައްޔިތުންނާއި ނޫސްވެރިންގެ މެދުގައި އޮންނަ އިތުބާރު ގެއްލޭނެ ކަމަށާއި މިއީ ކޮމިޓީ މަރުހަލާގައި އިތުރަށް ބަދަލު ކުރެވެންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.
އިންތިހާބުތަކާބެހޭ އާންމު ޤާނޫނުގެ 41 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ބުނެފައިވަނީ ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރަޖިސްޓްރީ ކޮށްފައިވާ ނޫސްވެރިންނަށް ކަމަށެވެ. ޤާނޫނުގައި މިހާރު އޮތްގޮތުން ވޯޓުލުމުގެ ކަންކަން މޮނީޓާކޮށް ވޯޓު ގުނާ ތަންތަނުގައި ހަރަކާތްތެރިވެވޭނީ އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދޭ ރިޕޯޓަރުންނަށް ކަމަށެވެ.
ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ނޫސްވެރިންނަށް ކުރިން އޮތް ފުރުސަތު ހަނިކޮށްފައިވާއިރު އެކަމާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޖާނަލިސްޓްސް އެސޯސިއޭޝަންގެ އިތުރުން ބައިނަލްއަޤްވާމީ ޖަމިއްޔާއެއްކަމަށްވާ ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ)އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.