Last Updated: June 8, 15:03
Monday, June 8, 2026
ޚަބަރު

ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ: ޝިޔާމް

މެންބަރު އަހުމަދު ޝިޔާމް- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމުގެ ހެކި ފެންނަ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިޔާމް ވަނީ، މިސަރުކާރުން ރަށްރަށުގައި އަސާސީ ހިދުމަތްތަކަށް ބޭނުންވާ ކަންކަން ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވެ ސަރުކާރަށް ތާއީދުކުރާ މެންބަރުން ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އެގޮތުން ޝިޔާމް ވަނީ އޭނާ ތަމްސީލު ކުރައްވާ ނައިފަރުގެ ފެނުގެ މައްސަލަ އަދިވެސް ހައްލު ނުވާކަމަށާއި އެކަމާ ގުޅިގެން ރައްޔިތުން އަދިވެސް ކަންބޮޑުވުންފާޅުކުރާ ހާމަކުރައްވާފައެވެ. އަދި އެރަށުގެ ނަރުދަމާގެ މައްސަލައާއި ކަރަންޓުގެ މައްސަލައިގައި ރައްޔިތުންގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރެއްވިއެވެ.

ޝިޔާމް ވިދާޅުވީ މި ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ބޮޑެތި ވައުދުތައް އަދިވެސް އެބަހުރި ކަމަށާއި އެކަންކަން ފުއްދަންޖެހޭ ކަމަށެވެ. އެގޮތުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްދޭނެ ކަމަށް ބުނެ މި ސަރުކާރުން ބުނިނަމަވެސް ހުރިހާ ޕްރޮޖެކްޓަކުންވެސް ފެންނަނީ ވައްކަންކުރާތަން ކަމަށެވެ. އެމްއެމްޕީއާރްސީގެ މައްސަލަ ބެލުމަކީވެސް މިސަރުކާރުގެ ވައުދެއް ކަމަށާއި އެހެންނަމަވެސް އެ މައްސަލަވެސް ނުބެލޭ ކަަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރު ކޮށްފައިވަނީ ސިޔާސީ ބޭނުމަކަށް ކަމަށެވެ.

މީގެއިތުރުން ޝިޔާމް ވިދާޅުވީ އިންތިހާބެއް ބާއްވައިފިނަމަ އެ އިންތިހާބަކަށް މިސަރުކާރުން ނުފޫޒު ފޯރުވާ ކަމަށެވެ. އެގޮތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށްވެސް 500 މިލިއަން ރުފިޔާގެ ޕްރޮޖެކްޓްތައް ފެށިކަމަށާއި އެއީ އިންތިހާބަށް ނުފޫޒު ފޯރުވުން ކަމަށެވެ. ކުރިމައްޗަށް އޮތީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންކަން ފާހަގަކޮށް ޝިޔާމް ވިދާޅުވީ މިހާރު އެ ދާއިރާގެ ރަށްރަށުގެ ޕްރޮޖެކްޓްތަކުގައި ސޮއިކުރަން ފަށާފައިވާ ކަމަށެވެ. މިފަދަ ކަންކަމަކީ ހެޔޮ ނިޔަތެއް، އިހުލާސްތެރިކަމެއް އޮވެގެން ކުރާ ކަންކަން ނޫންކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

އެކިގޮތްގޮތުން މިސަރުކާރުން މިދަނޑިވަޅު ނޫސްވެރިންނަށްވެސް ނުފޫޒު ފޯރުވާ ކަމަށާއި މިހާރު ފެންނަ ކަންކަމުން ފެންނަނީ ރިޔާސީ އިންތިހާބު އިންސާފުވެރި ނުވާނެ ކަމުގެ ހެކިތައް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ދައުރެއް ހޯދުމަށް އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީއަށް ނުފޫޒު ފޯރުވިވަރު އަދި ހިތުން ނުފިލާ ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނުފޫޒުގަދަ ވިޔަފާރިވެރިންގެ ޖީބުން ސަލާމަތްނުވެ ރައްޔިތުން ސަލާމަތްވާން ނެތްކަމަށެވެ.