Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

އިހުޔާ ޕްރޮގްރާމް މާދަމާ ރޭ، އައްޑޫގައި ހުކުރު ދުވަހު

ރޯދަ މަހުގެ ރޭތައް އިހްޔާ ކުރުމަށް ބާއްވާ އިހްޔާ ފޯރަމް މާދަމާ ރެއިން ފެށިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ މިއަހަރު ޖުމްލަ 17 އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވާއިރު މާލޭގައި 9 ޕްރޮގްރާމް އަދި އަތޮޅުތަކުގައި 8 ޕްރޮގްރާމް ކުރިއަށް ގެންދާނެ ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނެފައިވަނީ އިހްޔާ ފޯރަމްގެ ފުރަތަމަ ޕްރޮގްރާމްގައި ތަޤްރީރުކުރައްވާނީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ޢަލީއާއި އައްޝައިޚް ހަސަން ލަތީފް މޫސާ ކަމަށެވެ. މާދަމާ ރޭގެ އިހްޔާ ޕްރޮގްރާމްގެ މައުޟޫއައަކީ ”ހެޔޮ ބަދަލަކަށް ރަމަޟާން”އެވެ.

އަތޮޅުތަކުގައި ބާއްވާ އެންމެ ފުރަތަމަ އިޙްޔާ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދާ އިހްޔާ ޕްރޮގްރާމް އޮންނާނީ ހުކުރު ދުވަހުގެ ރޭ އައްޑޫ ހައި ސްކޫލް ހޯލްގައި ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތުދެއެވެ. އެ ރޭގެ ފޯރަމްގެ މައުޟޫއަކީ ”ލޮބުވެތި ނަބިއްޔާ ﷺ ގެ ޙަޔާތްޕުޅުން”އެވެ. މި ފޯރަމްގައި ތަޤުރީރު ކުރައްވާނީ އަލްއުސްތާޛް މުހައްމަދު އަނީލް އަދި ޑރ. އަލީ ޒާހިރުއެވެ.

މާލޭގައި އިހްޔާ ޕްރޮގްރާމްތައް އޮންނާނީ ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ 21:30 ގައި އިސްލާމީ މަރުކަޒުގެ ހޯލްގައެވެ. އަދި އަތޮޅުތަކުގައި ހުކުރު އަދި ހޮނިހިރު ދުވަހުރޭ ރޭގަނޑު 21:30ގައެވެ.