ފްލެޓް ލިބުނު ކަމަށްބުނެ ސްކޭމް ފޯންކޯލްތަކެއް ކުރަމުންދާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ބުނެފިއެވެ.
ބީއެމްއެލްއިން ބުނެފައިވަނީ މި ހަފްތާގައި އެޗްޑީސީ ނަމުގައި ފޯނުކޯލު މެދުވެރިކޮށް އޮޅުވާލައިގެން ކަސްޓަމަރުންގެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިފަދަ ބައެއް ކޯލްތަކުގައި އެދޭ މައުލޫމާތު ދީގެން ބައެއް ކަސްޓަމަރުން އަތުން ފައިސާ ހޯދާފައިވާކަމުގެ ޝަކުވާވެސް ބޭންކަށް ލިބިފައިވާ ކަމަށެވެ.
މިގޮތުން އެއް ކަސްޓަމަރެއްގެ އަތުން އޮޅުވާލައިގެން އޯޓީޕީ ހޯދައިގެން 70،000 ރުފިޔާ އަށްވުރެ ގިނަ އަދަދެއްގެ މުއާމަލާތް ކޮށްފައިވާކަމުގެ ޝަކުވާއެއްވެސް ހުށަހަޅާފައިވާ ކަމަށް ބީއެމްއެލްއިން މައިލޫމާތުދެއެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ކުރަމުން އަންނަ މިފަދަ ކަންކަމުން ސަލާމަތްވެ، ރައްކާތެރިވެ ތިބުމަށް، ޒާތީ މައުލޫމާތާއި ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ފަދަ މުހިންމު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކުރައްވާފައެވެ. ސައީދު ވިދާޅުވީ، ފޭސްބުކް ޕޭޖްތަކުން މުދާ ގަތުމަށް ފައިސާ ދެއްކުމުން އެ މުދަލެއް ނުދީ، ފައިސާ ފޮނުވި ފަރާތް ބްލޮކްކޮށް އިތުރު އެއްވެސް މުއާމަލާތެއް ނުކުރާ ކަމުގެ ޝަކުވާވެސް މިހަފްތާގައި ބީއެމްއެލްއަށް ހުށަހެޅިފައިވާކަމަށެވެ.
"ފައިސާގެ މުއާމަލާތްތައް ކުރުމުގައި އެންމެ މުހިންމު އެއްކަމަކީ މުއާމަލާތްކުރެވޭ ފަރާތް ދެނަގަތުން. އަދި އެކުރެވޭ މުއާމަލާތުގެ ސައްހަކަންވެސް ކަށަވަރުކުރުން. އެހެންކަމުން ފައިސާ ފޮނުވުމަށްކަމުގައިވިޔަސް އަދި ފައިސާ ލިބިގަތުމަށް ކަމުގައިވިޔަސް ކާކުކަން ނޭނގޭ ފަރާތްތަކާ އެކު ފައިސާގެ މުއާމަލާތްތައް ނުކުރުމަށް އަޅުގަނޑުމެން އިލްތިމާސްކުރަން. އެކައުންޓަށް ނޭނގޭ ފައިސާއެއް ވަދެފައިވާނަމަ ބޭންކަށް ވީހާވެސް އަވަހަކަށް އެކަން އެންގެވުމަށްވެސް ދަންނަވަން." ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވިއެވެ.
މީގެއިތުރުން ބީއެމްއެލްއިން ބުނެފައިވަނީ ރާއްޖޭގައި އީސިމްގެ ހިދުމަތް ބޭނުންކުރަމުންދާއިރު އޯޓީޕީ ބޭނުންކޮށްގެން އީސިމް އެކްޓިވޭޓްކޮށްލޭ ކަމަށާއި، އެހެން ކަމުން އީސިމް ނެގުން ފަދަ ހިދުމަތްތަކަށް ލިބޭ އޯޓީޕީ އެހެން ފަރާތަކާ ހިއްސާކުރެވިއްޖެނަމަ ސިމް އެހެން މީހަކަށް ލިބުުމުގެ ފުރުސަތު ލިބިގެންދާ ކަމަށެވެ. މި ގޮތަށް ފުރުސަތު ލިބިއްޖެނަމަ އެކައުންޓުންކުރާ މުއާމަލާތްތަކަށް ފޮނުވާ އޯޓީޕީވެސް އެފަދަ ފަރާތްތަކަށް ލިބިގެންދާނެކަން ބީއެމްއެލް ފާހަގަ ކޮށްފައިވެއެވެ.
އެކި ނަންނަމުގައި މީހުން ގުޅާ، ޒާތީ މައުލޫމާތު ހޯދާ ފައިސާ ފޭރެމުންދާތީ އެފަދަ މައުލޫމާތު ހިއްސާ ނުކުރުމަށް ބީއެމްއެލްއިން ދަނީ ތަކުރާރުކޮށް އެދެމުންނެވެ.
މި ދުވަސްވަރު ރިޕޯޓު ކޮށްފައިވާ ސްކޭމް ކޯލުތަކަށް ބަލާއިރު، ފްލެޓެއް ލިބިފައިވާ ކަމަށް ބުނެ އެކި އިދާރާތަކުގެ ނަމުގައި އޮޅުވާލައިގެން ކަސްޓަމަރުންނަށް ގުޅަމުންދާ ކަމަށް ބީއެމްއެލްއިން މައުލޫމާތުދެއެވެ. އަދި މީގެ އިތުރުން ކާކުކަން ނޭންގޭ ފަރާތްތަކާއެކު ޑޮލަރުގެ މުއާމަލާތްކޮށްގެން ފައިސާ ނުލިބޭކަމުގެ ޝަކުވާވެސް ހުށަހެޅޭ ކަމަށާއި އަދި އެކި އޮންލައިން ޕޭޖުތަކުން މުދާގަންނަން ފައިސާ ދެއްކުމުން މުދާ ނުލިބި އަދި ފައިސާ ނުލިބޭކަމުގެ ޝަކުވާވެސް ހުށަހެޅޭ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.