Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ރެއާލް މެޑްރިޑާއި ޖަރުމަނުގެ ގައުމީ ޓީމުން ފާހަގަވި މެސުޓް އޮޒިލް ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފި އެވެ.

އޮޒިލް ،34، ބުނީ މިއީ ވަރަށް ވިސްނުމަށް ފަހު ނިންމި ނިންމުމެއް ކަމަށާއި 17 އަހަރު ވަންދެން ޕްރޮފެޝަނަލް ލެވެލެއްގައި ފުޓްބޯޅަ ކުޅުމުގެ ފުރުސަތު ލިބުނީތީ ޝުކުރުވެރިވާ ކަމަށެވެ. މި ނިންމުން ނިންމީ ފާއިތުވި އަހަރުތަކުގައި ކުރިމަތިވި އަނިޔާގެ ތަފާތު އެކި މައްސަލަތަކާއެކު މިއީ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ކުޅުން ހުއްޓާލަންވީ ވަގުތު ކަމަށް ގަބޫލުކުރެވިގެން ކަމަށް އޮޒިލް ބުންޏެވެ.

އޮޒިލް އޭނާގެ ކެރިއަރު ފެށީ ޖަރުމަނުގެ ޝާލްކޭ އިންނެވެ. އޭގެ ފަހުން ޖަރުމަނުގެ ވާޑަ ބްރޭމަން އަށް ބަދަލުވިއިރު 2010 ގެ ވޯލްޑް ކަޕްގައި އޮޒިލް ދެއްކި މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑުން ވަނީ އޭނާގެ ސޮއި ހޯދާފަ އެވެ. ރެއާލްގައި ހޭދަކުރި ތިން އަހަރުތެރޭ އޮޒިލް ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގެއް ކާމިޔާބުކޮށްފަ އެވެ.

ރެއާލަށް ފަހު 2013 ގައި އޮޒިލް ދެން ބަދަލުވީ އާސެނަލް އަށެވެ. އާސެނަލް އާއެކު ހަތަރު ފަހަރެއްގެ މަތިން އޮޒިލް އެފްއޭ ކަޕް ހޯދިއިރު 2021 ވަނަ އަހަރު އޭނާ ވަނީ އާސެނަލް ދޫކޮށް ތުރުކީގެ ފެނަބާޗޭ އަށް ބަދަލުވެފަ އެވެ. ފެނަބާޗޭ އަށް 32 މެޗު ކުޅެދިނުމަށް ފަހު ފަހުން އޮޒިލް ވަނީ ތުރުކީގެ އިސްތަންބުލް ބަސަކްޝެހީރަށް ބަދަލުވެފަ އެވެ. އެ ކްލަބަށް އޭނާ ކުޅެދިނީ އެންމެ ހަތަރު މެޗެވެ.

ޖަރުމަނާއެކު 2014 ގައި ވޯލްޑް ކަޕް ހޯދި އޮޒިލް ވަނީ އެޓީމަށް 92 މެޗު ކުޅެދީފަ އެވެ.