Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

ހުޅުމާލޭގައި ކްލޭ ސްޓޫޑިއޯއެއް ހުޅުވައިފި

ޕޮޓަރީ އާއި ސެރަމިކް އާޓް ނުވަތަ މަށިން ތަކެތި ހަދަން ދަސްކޮށްދޭ ސްޓޫޑިއޯއެއް ހުޅުމާލޭގައި ހުޅުވައިފި އެވެ.

"ސަ ކްލޭ ސްޓޫޑިއޯ" ގެ ނަމުގައި ރޭ އެތަން ހުޅުވީ ހުޅުމާލޭގެ ރެއިން ކްރެސްޓް ރެސިޑެންސް އިމާރާތުގެ ގްރައުންޑް ފްލޯގަ އެވެ. އެ ސްޓޫޑިއޯ ހުޅުއްވައި ދެއްވީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފެވެ.

ކްލޭ ސްޓޫޑިއޯ އިން ޕޮޓަރީ އާއި ސެރަމިކް އާޓްގެ ފަންނު ދަސްކޮށް ދިނުމަށް ކޯސްތައް ހިންގަން ހަމަޖެހިފައިވެ އެވެ. އަދި އެ މަސައްކަތް ތަޖުރިބާކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތުތައް ވެސް ފަހިކޮށް ދޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ސްޓޫޑިއޯގައި ކުޑަކުދިންނަށް ވެސް އެ މަސައްކަތް ދަސްކޮށް ތަޖުރިބާކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ. މީގެ އިތުރުން އެކި ވޯކްޝޮޕްތަކާއި ފަންނުވެރިންގެ ހުނަރު ދައްކުވައިދޭ އެގްޒިބިޝަންތައް ބޭއްވުމަށާއި ފްރީލާންސް އާޓިސްޓުންނަށް ވެސް ކްލޭ ސްޓޫޑިއޯ ބުކްކޮށްގެން ބޭނުންކުރެވޭނެ އެވެ.

މިއީ ރާއްޖޭގައި ހުޅުވި މި ބާވަތުގެ ފުރަތަމަ ސްޓޫޑިއޯ އެވެ.