Last Updated: March 28, 21:55
Thursday, March 28, 2024
މުނިފޫހިފިލުވުން

ރޯދަ އަށް ހީނާ އުމްރާގެ އަޅުކަމަށް

ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޗުއްޓީ އަށް އަންނަ އިންޑިއާގެ ބަތަލާއިންގެ ތެރޭގައި ހިމެނޭ ހީނާ ޚާން ރޯދަ މަހާ އެކީ އުމްރާގެ އަޅުމަކަށް މައްކާ އަށް ހިނގައްޖެ އެވެ.

މި ދަރުތުގެ ބައެއް ފޮޓޯތަކާއި ވީޑިއޯތައް ވެސް އޭނަގެ އިންސްޓަގްރާމްގައި ޕޯސްޓްކޮށް، ދެވަނަ އުމްރާ އަށް ދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް ބުނެފައިވެ އެވެ. ހީނާ އުމްރާގެ އަޅުކަމަށް ގޮސްފައި ވަނީ އާއިލާއާ އެކީގަ އެވެ. އެގޮތުން މި ދަތުރުގައި އޭނަގެ މަންމަ އާއި ފިރިހެން ކޮއްކޮ ބައިވެރިވެ އެވެ.

މިހާރު ބޮލީވުޑުން ވެސް ފުރުސަތުތައް ލިބޭ ހީނާ، 35، އަކީ ސްޓާ ޕްލަސްގެ ސިލްސިލާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" ގައި އަކްޝަރާގެ ރޯލު ކުޅެގެން މަޝްހޫރުވި ބަތަލާ އެވެ. އެ ސިލްސިލާ އިން އޭނަ ވަކިވީ 2015 ގަ އެވެ. އޭގެ ފަހުން "ބިގް ބޮސް" އާއި "ހަތުރޯން ކޭ ކިލާޅީ" ފަދަ ރިއަލިޓީ ޝޯތަކުގައި ވެސް ހީނާ ވާދަކޮށްފައިވެ އެވެ.

އޭނަ ފަހުން ކުޅުނު ސިލްސިލާތަކުގެ ތެރޭގައި "ކަސޯޓީ ޒިންދަގީ ކީ" ގެ ދެވަނަ ސީޒަނާއި "ނާގިން 5" ހިމެނެ އެވެ. ހީނާގެ ފުރަތަމަ ބޮލީވުޑް ފިލްމަކީ "ރާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓްގެ 2020 ގެ "ހެކްޑް" އެވެ.

ގިނަ އަދަދެއްގެ ވީޑިއޯ ލަވަތަކާއި ވެބް ސީރީޒްތަކެއް ކުޅެފައިވާ ހީނާ އެންމެ ފަހުން ރާއްޖެ އައީ މިދިޔަ މަހުގެ ތެރޭގަ އެވެ.