Last Updated: April 25, 10:40
Thursday, April 25, 2024
ޚަބަރު

މޫނު ބުރުގާ އެޅިޔަސް ތައުލީމުގެ ހައްގު ލިބެން ވާނެ

އަޅާ ހެދުމެއްގެ ސަބަބުން އިލްމު އުނގެނެން ހުރަސް އެޅިގެން ނުވާނެ ކަމަށް ރާއްޖޭގެ މަޝްހޫރު އަންހެން ދީނީ އިލްމުވެރިޔާ އަނާރާ ނައީމު ވިދާޅުވެއްޖެ އެވެ.

މަކުނުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނިޤާބު އެޅިޔަސް، ކިޔެވުމުގެ ޙައްޤު ލިބެން ވާނެ ކަމަށެވެ.

"އަޅާ ހެދުމެއްގެ ސަބަބުން ޢިލްމު އުނގެނުމަށް ހުރަސް އެޅިގެން ނުވާނެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީގައި ވެސް ވަނީ އަޅާ ހެދުމަކުން ތަފާތުކު ރެވިގެން ނުވާނެ ކަމަށް." އޭނަ ވިދާޅުވި އެވެ.

އަނާރާ މި މޭރުމުން ޓްވީޓްކުރައްވާފައި ވަނީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ހާޒިރުވުން މަނާކުރުމާ ގުޅިގެންނެވެ. ދަރިވަރުން މޫނު ބުރުގާ އަޅާ މައްސަލަ ކުރިން ވެސް ފެންމަތިވެފައި އޮތުމުން އަރަބިއްޔާ ސްކޫލުން އެ މައްސަލާގައި އެޑިއުކޭޝަން މިނިސްޓްރީގެ ލަފައަކަށް އެދުނެވެ. އެ މައްސަލައާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ، އަރަބިއްޔާ ސްކޫލުގެ ޑްރެސް ކޯޑުގެ ތެރޭގައި މޫނު ބުރުގާ ނުހިމެނޭ ކަމަށެވެ. އެހެންވެ، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަކީ މަނާ ކަމެއް ކަމަށް ވެސް އަންގާފައިވެ އެވެ.

އެކަން މީގެ ދުވަސްކޮޅެއް ކުރިމް ތަންފީޒުކުރަން ފެށުމާ އެކީ ބެލެނިވެރިންނާއި ބައެއް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި އަރަބިއްޔާގެ ދަރިވަރުންނަށް މޫނު ބުރުގާ މަނާކުރުމުން ދީނީ އިލްމުވެރިންތަކެއް ވެސް އެ ނިންމުން ބާތިލުކުރަން ސޯޝަލް މީޑިއާގައި ގޮވާލައްވާފައިވެ އެވެ.

މޫނު ބުރުގާ މައްސަލާގައި އަރަބިއްޔާގެ ބެލެނިވެރިން މިހާރު ވަނީ ކޯޓަށް ދާން ނިންމައިފަ އެވެ.