Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

އަހަރެއްގެތެރޭ ކެނެޑާގެ އާބާދީ އަށް މިލިއަނެއް

ފާއިތުވި އެއް އަހަރުގެ ތެރޭގައި ކެނެޑާގެ އާބާދީ އަށް އެއް މިލިއަން މީހުން އިތުރުވެއްޖެ އެވެ.

މިއީ އެ ގައުމުގެ ތާރީހުގައި ވެސް އަހަރެއްގެ ތެރޭގައި އާބާދީ އަށް މިވަރުގެ އިތުރުވުމެއް އައި ފުރަތަމަ ފަހަރެވެ. ހިޖުރަކުރާ މީހުންނަށް އޮތް ފަހި ފުރުސަތާއި އަދި ކެނެޑާގެ ސަރުކާރުން އެކަމަށް ވަރަށް ބޮޑަށް ފުރުސަތު ވެސް ހުޅުވާލާފައި އޮތުމުން ފާއިތުވި 12 މަހުގެ ތެރޭގައި އެ ގައުމުގެ އާބާދީ އަށް 1.05 މިލިއަން މީހުން އިތުރުވެފައިވެ އެވެ.

އެގޮތުން މި އަހަރުގެ ޖެނުއަރީ 1 އާ ހަމަށް ކެނެޑާގެ އާބާދީ ވަނީ 39566248 އަށް އަރައިފަ އެވެ. މިއީ އޭގެ އެއް އަހަރު ކުރިއާ އަޅާބަލާ އިރު 7.2 ޕަސެންޓްގެ އިތުރުވުމެކެވެ. އާބާދީ އަށް އިތުރުވި މިލިއަނަށް ބަލާ އިރު، އޭގެ ތެރެއިން 95.9 ޕަސެންޓަކީ ހިޖުރަކުރި މީހުން ކަމަށް ސްޓެޓިކްސް ކެނެޑާގެ ރެކޯޑްތަކުން ދައްކަ އެވެ. އެގޮތުން 2022 ގެ ތެރޭގައި ކެނެޑާ އަށް 437،180 މީހުން ހިޖުރަކޮށްފައިވެ އެވެ.

ކެނެޑާ އަށް މީހުން ހިޖުރަކުރި ގައުމުތަކުގެ ތެރޭގައި ހަނގުރާމައެއްގެ ތެރޭގައި އޮތް ޔުކްރޭނާއި އަފްގާނިސްތާނާއި ދާދި ފަހުން ބިންހެލުންތަކެއް އައި ތުރުކީ އާއި ސީރިއާ ހިމެނެ އެވެ.

ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވީ ކެނެޑާ އަދިވެސް ހިޖުރަކުރަ މީހުންނާ ހުޅުވާލެވިފައި އަތަކާ އެކީ މަރުހަބާ ކިޔަން ކަމަށެވެ. ސަރުކާރުން އޮތީ 2025 ހަމައަށް އަންނަ އިރު ހިޖުރަކުރާ މީހުންގެ އާބާދީ 1.5 މިލިއަނަށް އިތުރުކުރަން ވެސް ނިންމައިފަ އެވެ.