ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެއްބުރުން ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ކ. ގުޅީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސަމީރު ވިދާޅުވި އެމްޑީޕީގެ ޕޯޑިއަމަކީ އެނާއަށް އާ ޕޯޑިއަމެއް ނޫން ކަމަށެވެ. މިވަގުތު އަދި އޭނާ އެއްވެސް ސިޔާސީ ޕާޓީއަކަށް ސޮއި ނުކުރާކަން ފާހަގަކޮށް ސަމީރު ވިދާޅުވީ އޭނާ ހުރީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ނިންމަވާ ގޮތެއްގައި ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށެވެ.
ސަމީރު ވިދާޅުވީ މިފަހަރު ކުޑަ ތަޖުރިބާއެއް ކޮށްލުމަށް ނަމަވެސް ގުރައިދޫ ދާއިރާގެ ރައްޔިތުން އެ ގޮނޑި އެމްޑީޕީއަށް ދޭންޖެހޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ 65 ގޮނޑި އެމްޑީޕީއަށް އޮތް ނަމަވެސް އޭގެ ތެރޭގައި ރައީސް ސޯލިހްއާ މެދު ހިތްހަމަނުޖެހޭ ބައެއް ބޭފުޅުން ތިއްބެވިކަމަށާއި އެބޭފުޅުންނާ ދެކޮޅަށްވެސް ސަރުކާރު ހިންގަންޖެހެނީ ވަރަށް ދުއްތުރާއާ އުނދަގޫތަކާ އެކު ކަމަށް ސަމީރު ވިދާޅުވިއެވެ.
ސަމީރު ވިދާޅުވީ މާޒީގެ ވެރިކަންތަކުގައި ވެރިކަން ކުރި މީހުން ވެރިކަން ކޮށްފައިވަނީ އަނިޔާދީގެން، ސިޔާސީ މީހުން ހައްޔަރުކޮށް އާއިލާތައް ޖަލަށް ލައިގެން ކަމަށެވެ. އެހެންނަމަވެސް ރައީސް ސޯލިހް މިއިން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރަށްތައް ކުޑަރަށެއް ބޮޑުރަށެއް ބެލުމެއްނެތި ތަރައްގީ ކުރަމުންދާއިރު ރައްޔިތުންގެ ލޯތްބާއި އިހުތިރާމާއެކު ރައީސް ސޯލިހަށް ދެވަނަ ދައުރަކަށް އިންތިހާބު ވާނެ ކަމަށެވެ.
ރާއްޖެ މިއަދު ވެފައިވަނީ ކޮވިޑް މެނޭޖްކުރުމުގައާއި އިގްތިސޯދު ކުރިއެރުވުމުގައި ނަމޫނާ ގައުމަކަށް ކަމަށާއި އެކަން އެގޮތަށްވީ ރައީސް ސޯލިހްގެ ކެތްތެރިކަމާ ހިކުމަތްތެރިކަމާ ހިންގުންތެރިކަމުގެ ސަބަބުން ކަމަށް ސަމީރު ވިދާޅުވިއެވެ.
"ބައެއްފަހަރު އަޅުގަނޑުމެން ވަރަށް ލޯބިވާ ބެފުޅުން ތިބޭ. ވަރަށް ލޯބިވާ ސިޔާސީ ޕާޓީތައްވެސް ހުރޭ. އެކަމަކު އެ މީހާ ނުބައި އަތަށް އެޅިގެންދާން ފެށީމާ އަދި މަގު ގެއްލިދާން ފެށީމާ، ހެޔޮބަސް ބުނެވޭ ހާލަތުގައި ތިބޭ މީހުން، ހެޔޮބަސް ބުނަން އެބަޖެހޭ. އެހެންކަމުން މިދާއިރާގެ ރައްޔިތުންނަށް ދަންނަވާލަން ބޭނުންވަނީ މިވަގުތު ކުލަޔަށް ނުބައްލަވާށޭ." ސަމީރު ވިދާޅުވިއެވެ.
މީގެއިތުރުން ސަމީރު ވިދާޅުވީ ރައީސް ސޯލިހްގެ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުން އެމަނިކުފާނުގެ "ފަހަތުން ވަޅިޖަހާ އުސޫލުން" ކަންކުރަމުން ދިޔައިރުވެސް ރައީސް ސޯލިހް ޗުއްޕުވެސް ވިދާޅުނުވާ ކަމަށެވެ. އަދި ވަގުތާ ހާލަތު ދިމާވުމުން ކަންކަމުގައި ރައީސް ސޯލިހް ރަނގަޅަށް ރިއެކްޓްވެސް ކުރައްވާތަން ރާއްޖޭގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވާނެ ކަމަށެވެ. އަދި އެއްބުރުން ރައިސް ސޯލިހް އިންތިހާބު ކުރައްވާނެ ކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސަމިރު ވަނީ ރައިސް ސޯލިހް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ.
ރިޔާސީ އިންތިހާބަށް ރައީސް ސޯލިހް ރިޔާސީ އިންތިހާބަށް ކޯލީޝަން ހެދުމުގެ މަސައްކަތް ކުރަމުން އަންނައިރު، އަދި އެމަނިކުފާނާ ކޯލީޝަން ހަދާފައިވަނީ އަދާލަތު ޕާޓީއާއި އެމްޑީއޭއިންނެވެ.
ޖުމްހޫރީ ޕާޓީން ވަކިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމާފައިވާއިރު އެޕާޓީގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ކަނޑައެޅުމަށް ޕްރައިމަރީއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. ސަރުކާރު ކޯލީޝަންގައި މިހާރު ހިމެނޭ އެމްއާރްއެމްއިން އަދި ރިޔާސީ އިންތިހާބާ މެދު ވަކި ގޮތެއް ނިންމާފައެއްނުވެއެވެ.