Last Updated: March 29, 18:55
Friday, March 29, 2024
ޚަބަރު

ރޯދަ މަހު މުދާ އުފުލޭނެ ގަޑިތައް ކަނޑައަޅައިފި

ރާއްޖެއަށް އެތެރެކޮށްފައިވާ މުދާ ބާލަނީ / ފޮޓޯ: އެމްޕީއެލް

ރޯދަ މަހާއި ދިމާކޮށް މާލެ ސަރަހައްދުގައި މުދާ އުފުލާ އުޅަނދުތައް ދުއްވޭނެ ގަޑިތައް ޓްރާންސްޕޯޓް މިނިސްޓްރީން ކަނޑައަޅައިފިއެވެ.

މިނިސްޓްރީން ކަނޑައަޅާފައިވާ މިގަޑިތައް ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޝައްވާލުމަހުގެ 7 ވަނަ ދުވަހާއި ހަމައަށް ތަންފީޒް ކުރާނެއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެންމެ ކާރު ބާރު ބޮޑުވާ ގަޑިތައް ކަމަށްވާ ހަވީރު 4:00 އިން ފެށީގެން ރޭންގަނޑު 8:00 ހަމައަހަށް އެއްގަމު އުޅަނދުގައި ގަނޑުކޮށް މުދާ ނުއުފުލޭނެއެވެ. މީގެ އިތުރުން ހެނދުނުން 6:00 އިން 9:00 އަށް ވެސް މާލޭ ސަރަހައްދުގެ މަގުތަކުގައި މުދާ އުފުލުން މިނިސްޓްރީން ވަނީ މަނާކޮށްފައެވެ.

މި ގަޑީގައި ގަނޑުކޮށް މުދާ އުފުލުން މަނާކޮށްފައިވަނީ މިއީ ގިނަ އަދަދަކަށް މީހުން ބޭރަށް ނުކުމެ އުޅޭ ގަޑިތަކަށް ވެފައި ރަމަޟާންމަހަކީ އެހެންމަސްތަކާ ހިލާފަށް މިގަޑިތަކުގައި ކާރުބާރު ބޮޑުވާނެ ގަޑިތަކަކަށް ވެފައި މަގުމަތީގައި ތޮއްޖެހުން ކުޑަކުރުމަށް ކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މުދާ އުފުލާ އުޅަނދުފަހަރުން މި ގަޑިތަކުގައި މުދާ އަރުވާ ބާލާނަމަ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް މަގުމަތި އެއްކޮށް ތޮއްޖެހި ތަފާތު ނުރައްކާތެރި ހާދިސާތަކާއި މެދުވެރިވުން އެކަށީގެންވާކަން މިނިސްޓްރީން ފާހަގަ ކުރެއެވެ.

މިއާއެކު ހެނދުނުގެ ގަޑިތަކަކީ ސްކޫލްތަކާއި އޮފީސްތައް ފެށޭގަޑިތަކަށް ވާތީ މި ގަޑިތަކުގައިވެސް މަގުމަތި ބޭނުންކުރާ ފަރާތްތަކަށް ދަތިކަމެއްނެތި ދަތުރު ކުރެވޭނެގޮތަށް އިންތިޒާމު ހަމަޖެއްސުމަށް މިގަޑިތަކުގައިވެސް މުދާ އުފުލުން މަނާ ކޮށްފައިވާކަން މިނިސްޓްރީން ބުނެއެވެ.

ރާއްޖެ އެތެރެކޮށްފައިވާ މުދާ ޕިކަޕަކަށް ބަރުކޮށްފައި / ފޮޓޯ: އެމްޕީއެލް

މީގެ އިތުރުން މުދާ އުފުލޭނީ ހެންދުނު 9:00 އިން ހަވީރު 4:00 އަދި ދަންވަރު 1:00 އިން ފެށިގެން ހެނދު 6:00 އަށް ކަމަށާއި މި ވަގުތުތަކުގައި މާލެއިން ބުރިޖަށް މުދާ ހިފައިގެން އަންނަ އުޅަނދުތައް އަރަންވާނީ މާލޭ ދެކުނު ފަރާތުން ބޮޑުތަކުރުފާނު މަގުން ކަމަށް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ. އަދި މި ނޫން ވަގުތުތަކުގައި ބުރިޖުން ވިޔަފާރި މުދާ އެއްގަމު އުޅަނދުގައި އުފުލުމަކީ މަނާކަމެއްކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.

އުޅަނދުތަކުން ކައްކާ ގޭހާއި ބޯފެން ހިފައިގެން ބުރިޖުހުރަސްކޮށް ދަތުރުކުރެވޭނެ ގަޑިތައްކަމަށް މިނިސްޓްރީން ބަޔާންކޮށްފައިވަނީ ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:00 އިން ހެނދުނު 6:00 އަށެވެ.

މިނިސްޓްރީން ވަނީ މި ޤަވާއިދާއި ޙިލާފުވާ ފަރާތްތައް 750ރ. އިން ޖޫރިމަނާ ކުރެވޭނެ ކަން ފާހަގަކޮށް މަގުތަކުގެ ރައްކާތެރިކަމަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.