Last Updated: April 25, 21:20
Thursday, April 25, 2024
ދުނިޔެ

އެންމެ ދިގު ތުނބުޅީގައި 8 ފޫޓް

އެންމެ ދިގު ތުނބުޅީގެ ރެކޯޑް އޮތް މީހާގެ ތުނބުޅި އިތުރަށް ދިގުވެ، ގިނިސް ވޯލްޑް ރެކޯޑުން އޭނަގެރެކޯޑް އާކޮށް ދީފި އެވެ.

އިންޑިއާގެ ސިކް ދަރިކޮޅުގެ ކެނެޑާ ރައްޔިތެއް ކަމަށްވާ ސަރުވަން ސިންގްގެ ރެކޯޑް އާކޮށް ދިނީ އޭނަގެ ތުނބުޅީގައި މިހާރު 8 ފޫޓް 3 އިންޗި ހުރުމާ ގުޅިގެންނެވެ. ތުނބުޅި އެންމެ ދިގު މީހާގެ ރެކޯޑް ސަރުވަން އަށް އެންމެ ފުރަތަމަ ލިބުނީ 2008 ގަ އެވެ. އޭރު ތުނބުޅީގެ ދިގުމިނަނީ 5 ފޫޓް 9 އިންޗި އެވެ.

ސަރުވަން ބުނި ގޮތުގައި ތުނބުޅި އަކީ އަބަދު ވެސް އޭނަގެ ހަށިގަނޑުގެ ވަރަށް މުހިއްމު ބައެކެވެ. އަދި ތުނބުޅި އާއި މަތިމަސް އަބަދު ވެސް ވަރަށް ރަނގަޅަށް، ރީއްޗަށް ބަލަހައްޓާ ކަމަށް ބޮލުގައި ފަގުޑި އަޅައިގެން ހުންނަ ސަރުވަން ބުންޏެވެ. އޭނަ ބުނި ގޮތުގައި ފުރިހަމަ ސިކަކަށް ވަނީ ވެސް ތުނބުޅި އާއި މަތިމަހާ އެކީގައި ކަމަށްވާތީ އެކަމުން އޭނަގެ އަތުގައި ހާއްސަ ރެކޯޑެއް އޮތުމަކީ ވަރަށް ބޮޑު ފަހުރެކެވެ.

"އެކަމަކު އަހަރެން މިކަން ހަމައެކަނި ކާމިޔާބީއެއްގެ ގޮތުގައި ސިފައެއް ނުކުރާނަން. ދިގު ތުނބުޅިއެއްގެ ވެރިއަކަށްވުމަކީ ގުދުރަތުން ދެއްވި ހަދިޔާއެއްގެ ގޮތުގައި އަހަރެން ދެކެނީ،" ސަރުވަން ބުންޏެވެ. "އެހެންވީމަ މިއީ ހަގީގަތުގައި ބްލެސިންއެއް."

އޭނަ ބުނި ގޮތުގައި ތުނބުޅީގެ ސަބަބުން ރެކޯޑެއް އޮތުމަކީ އާއިލާ އާއި ރައްޓެހިން ވެސް ވަރަށް އުފާވާ ކަމެކެވެ.