Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

ރަނގަޅު ކަންކަމުގައި ދެމިތިބޭ، ހަޔާތް ރަނގަޅު ވާނެ

ރަމަޟާން މަހު ރަނގަޅު ކަންތައް ކުރާ ފަދައިން ރަނގަޅު ކަންތައްތައް ކުރުންމަތީ ދެމިހުރެއްޖެނަމަ އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ޢަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމަށް މިއަހަރު ބޭއްވި ފުރަތަމަ ފޯރަމް ފައްޓަވައިދެއްވައި ތަޤްރީރުކުރައްވަމުންނެވެ. "ހެޔޮ ބަދަލަކަށް ރަމަޟާން" މި މައުޟޫއަށް ރޭ ތަޤްރީރުކުރައްވާފައިވަނީ މިނިސްޓަރު ޒާހިރު އާއި އައްޝައިޚް ޙަސަން ލަޠީފް މޫސާ އެވެ.

އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ މައުޟޫއަކަށް ވާހަކަދައްކާއިރު ވަރަށް ގިނަ ކަންތައްތަކެއް ހަނދާނުގައި ބަހައްޓަން ޖެ ހޭކަމަށެވެ. ކީރިތި ރަސޫލާ ﷺގެ ޙަޔާތްޕުޅަށް ބަލާލުމުން، ރަމަޟާން މަހަށް ކީރިތި ރަސޫލާ ﷺ ޚާއްސަ ސަމާލުކަމެއް ދެއްވާ މަންޒަރު ފެންނާނެކަމަށާއި ރަމަޟާން މަސް އިޙްޔާކޮށް ދިރުވުމަށްޓަކައި އެކަލޭގެފާނު ތައްޔާރުވެވަޑައިގެންނެވި މަންޒަރު އެކަލޭގެފާނުގެ ޙަޔާތްޕުޅަށް ބައްލަވާލެއްވުމުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

އެގޮތުން ރަމަޟާންމަހަށް ތައްޔާރުވުމަށްޓަކައި ރަމަޟާންމަހުގެ ކުރީމަސްކަމުގައިވާ ޝަޢުބާންމަހު ރޯދައަށް ހުންނެވުމާއި، ރަމަޟާންމަސް އައުމުން، ސަޙާބީބޭކަލުންނަށް އެ ދެއްވާ އިރުޝާދުތަކާއި މި ހުރިހާ ކަންތައްތަކަށް ބަލާއިރު މި މައްސަރަކީ ޚާއްސަ ޤަދަރެއް ދެވިގެންވާ އެކަލޭގެފާނު ވަރަށް އަހައްމިއްޔަތުކަން ދެއްވި މައްސަރެއްކަން ފާހަގަވާކަމަށް ވިދާޅުވި އެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ރަމަޟާންމަސް ޚާއްސަވާ ސަބަބަށް ވަރަށް ތަފްސީލީގޮތެއްގައި ބައްލަވާލެއްވި އެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރޯދައަށް ހުންނައިރު އެމީހެއްގެ އުޅުމާއި އެމީހެއްގެ ސުލޫކު ބަހައްޓަންޖެހޭނީ ވަރަށް ތަފާތުކޮށް ކަމަށާއި ކީރިތި ރަސޫލާ ﷺގެ ހަދީޘްފުޅުން، ރޯދައަށް ހުންނައިރު ބަސް މަދުކުރަންޖެހޭކަން އެނގޭކަމަށް ވިދާޅުވި އެވެ. ދޮގުވާހަކަތައް ދެއްކުމާއި ދޭތެރެޖެއްސުމާއި، މީހުންގެ ގާތަށް ވާހަކަހިފައިގެން ދިޔުންފަދަ ކަންކަމުން ދުރުހެލިވާންޖެހޭކަމަށް ވިދާޅުވި އެވެ. އެހެން ނޫންނަމަ ރޯދައިން ލިބެންޖެހޭ ދަރުމައާއި ޘަވާބު ނުލިބޭނެކަމަށާއި ގޯސްކަންތައްތަކުން ދުރުހެލިވެ މާތްﷲ އަންގަވާފައިވާކަންތައް ކުރަންޖެހޭކަމަށް ވިދާޅު ވިއެވެ.

މީގެއިތުރުން ކުރާ ޢަމަލުތަކަކީ މާތްﷲ އަންގަވާފައިވާ ކަންތައްތަކާއި އެއްގޮތަށް ކުރެވޭ ޢަމަލުތަކެއްވާންޖެހޭ ކަމަ ށްވިދާޅުވެ ރޯދަ ހިފިކަމުގައިވިޔަސް މާތްﷲގެ ހަޟްރަތުން ދަރުމައާއި ޘަވާބަށް އެދިގެން އުންމީދާއިއެކު އެކަމެއް ކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ. އަދި ރަމަޟާންމަހު ރަނގަޅުކަންތައް ކުރާފަދައިން އެގޮތުގައި ދެމިހުރެއްޖެނަމަ މާތްﷲ ގެ އިރާދަފުޅުން އެމީހެއްގެ ޙަޔާތުގައި ބާކީ ދުވަސްތައް ރަނގަޅުކޮށްދެއްވާނެކަމަށް ވިދާޅުވެ އެގޮތަށް ދުޢާކުރުމަށްވެސް ނަސޭހަތްތެރިވެ ވަޑައިގެންނެވި އެވެ.