Last Updated: March 29, 14:00
Friday, March 29, 2024
ކުޅިވަރު

ޕޯޗުގަލަށް މޮޅެއް، ރޮނާލްޑޯ އަށް ރެކޯޑެއް

ޔޫރޯ ކޮލިފައިންގައި ރޭ ލިކްޓެންސްޓައިން މައްޗަށް 4-0 އިން ޕޯޗުގަލް ކުރި ހޯދި މެޗުގައި އެޓީމުގެ ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ރެކޯޑެއް ހަދައިފި އެވެ.

ރޭގެ މެޗާއެކު ރޮނާލްޑޯ ވެގެން ގޮސްފައިވަނީ މުޅި ދުނިޔެ އިން ވެސް ގައުމީ ޓީމަކަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އަށެވެ. ރޭގެ މެޗަކީ ގައުމީ ޓީމަށް ރޮނާލްޑޯ ކުޅެދިން 197 ވަނަ މެޗެވެ. މި ރެކޯޑު މީގެކުރިން އޮތީ ކުވޭތުގެ ބަދެތު އަލް-މުތާވާގެ އަތުގަ އެވެ.

ޕޯޗުގަލްގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު މެޗުގެ 8 ވަނަ މިނެޓްގައި ޕޯޗުގަލަށް ކާމިޔާބުކޮށްދިނީ ޖާއޯ ކަންސެލޯ އެވެ. ދެވަނަ ހާފްގެ ކުރީކޮޅު ބެނާޑޯ ސިލްވާ ޕޯޗުގަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިން އިރު ޕޯޗުގަލަށް ލިބުނު ހިލޭ ޖެހުމަކުން މެޗުގެ 51 ވަނަ މިނެޓްގައި އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ރޮނާލްޑޯ އެވެ. އަދި މެޗުގެ 63 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ޕޯޗުގަލްގެ ފަހު ގޯލު ކާމިޔާބުކޮށްދިނީ ވެސް ރޮނާލްޑޯ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް ވެސް އޮތީ ރޮނާލްޑޯގެ އަތުގަ އެވެ. ރޭގެ މެޗުގައި ޖެހި ދެ ގޯލާއެކު ޕޯޗުގަލް ގައުމީ ޓީމަށް އޭނާ ޖެހި ގޯލުގެ އަދަދު މިހާރު ވަނީ 120 އަށް އަރައިފަ އެވެ.

ޕޯޗުގަލްގެ ގައުމީ ޓީމަށް 2003 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ރޮނާލްޑޯ އަކީ ފަސް ވޯލްޑް ކަޕެއްގައި ގޯލް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ ވެސް މެ އެވެ.