Last Updated: April 26, 20:24
Friday, April 26, 2024
ކުޅިވަރު

ނާގަލްސްމަން ވަކިކޮށްފި، ބަޔާންގެ އާ ކޯޗަކީ ޓުޗެލް

ބަޔާން މިއުނިކުން ކޯޗު ހޫލިއަން ނާގަލްސްމަން ވަކިކޮށް ޗެލްސީގެ ކުރީގެ ކޯޗު ތޯމަސް ޓުޗެލް އަށް މަގާމް ދޭން ތައްޔާރުވެއްޖެ އެވެ.

ޖަރުމަނުގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ބަޔާނުން ނާގަލްސްމަން ވަކިކުރީ އެ ކްލަބުގެ ބޯޑާއި ދެމެދު ޖެހުނު މައްސަލަތަކެއްގެ ސަބަބުންނެވެ. އަދި ބައެއް ކުޅުންތެރިން ނާގަލްސްމަންގެ ޓެކްޓިކްސްއާ އާއި މެދު އިތުބާރު ކުޑަވެފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ނާގަލްސްމަން ވަކިކުރުމަށް ފަހު ބަޔާންގެ ކޯޗުކަން ދިނުމަށް ނިންމާފައިވަނީ ޓުޗެލް އަށް ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެގޮތުން ބަޔާންގެ ކޯޗުކަމާ ޓުޗެލް ހަވާލުވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

ބަޔާނުން ނާގަލްސްމަން ވަކިކުރިއިރު އެ ކްލަބު މިވަގުތު އޮތީ ޖަރުމަނު ލީގުގެ ދެވަނައިގަ އެވެ. ލީގުގެ އެއްވަނައިގައި އޮތީ ކުރިން ޓުޗެލް ކޯޗުކޮށްދިން ބްރޫޝިއާ ޑޯޓްމަންޑެވެ. ލީގުގައި ބަޔާން ދެން ކުޅޭނީ ވެސް ޑޯޓްމަންޑާ އެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާފައިނަލަށް ވެސް ބަޔާން ދަތުރުކޮށްފައިވާއިރު ކުއާޓާގައި އެ ޓީމު ނިކުންނާނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

ބަޔާންގެ ކޯޗުކަމާ ހަވާލުވާ ޓުޗެލް ޗެލްސީގެ ކޯޗުކަމުން ވަކިކުރީ މި ސީޒަނުގެ ކުރީކޮޅު އެވެ. ޓުޗެލް ވަނީ ސިޓީ ބަލިކުރުމަށްފަހު 2021 ވަނަ އަހަރު ޗެލްސީ އަށް ޗެމްޕިއަންސް ލީގު ނަގާދީފަ އެވެ.